ރަސްމާލެ ހިއްކަމުންދާ އިރު ސަރަހައްދާ ކައިރި ފަރުތަކަށް ގެއްލުންވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބަދު ވެސް ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ނަޝީދު މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ފަހުން ކ. މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންގެ ފަރާތުން ވެސް އެ ކަންބޮޑުވުންތަކެއް ލިބިނު ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޮންޓްރޯލެއް ނެތި ވެއްޔާއި ކިސަޑު ފެތުރުމުގެ ސަބަބުން ކައިރި ފަރުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ. އެކަމަލި ތަރައްގީގެ މަޝްރޫއުތަކަށް ބިން ހިއްކުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ބިން ހިއްކާ ފަރާތްތަކުން ފަޅު ފުންކުރުމާއި ބިން ހިއްކުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލުކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާ އެންވަޔަރުމެންޓް އިމްޕެކްޓް އެސްސެމްނެޓް (އީއައިއޭ) ރިޕޯޓުގައި ހުންނަ ކަންކަމަށް ކޮންމެހެން ރިއާޔަތް ވެސް ކުރަން ޖެހޭނެ ކަމަށެވެ.
"ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދަނީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިންކަން ސަރުކާރުން ކަށަވަރު ވެސް ކުރަން ޖެހޭނެ" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއަށް އަމާޒުކޮށް ކަމަށް ބުނެ މި ސަރުކާރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގަ އެވެ.