Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

'ވެޒެލް ފައިނޭންސިން' ތައާރަފުކޮށްފި

އެސްއެމްއީ ޑިޖިޓަލް އިން "ވެޒެލް ފައިނޭންސިން" ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފި އެވެ.

މީގެ ދަށުން 5،000،000ރ. އާ ހަމައަށް މާލީ އެހީ ލިބޭނެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށް ދިނުމަށާއި، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިން ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން މި ޕްރޮޑަކްޓްގެ ދަށުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ލިބޭނެ އެވެ.

އެ މުއްދަތުގެ ތެރޭގައި 18 މަސް ދުވަހާ ހަމައަށް ގްރޭސް ޕީރިއަޑެއް ވެސް ހިމެނެ އެވެ.

"ވެޒެލް ފައިނޭންސިން" ހާއްސަކޮށްފައި ވަނީ ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފަށަން އަދި މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް، އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަ ގޮތެއްގައި ފޯރުކޮށް ދޭން ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

މި މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް، މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭނެ އެވެ.

"މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭ ހަތަކެއް ލިބިގެން ދާނެ،" އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގްތިސާދު ހަރުދަނާކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުން."