Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ޗައިނާއިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން (1.3 ބިލިއަން ރުފިޔާ) ގެ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫއާއި، މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޫއުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތް ތަރައްގީކުރުން ހިމެނެއެވެ.

ޗައިނާ ސަފީރު މިއަދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އެ ގޮތުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫއުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެެވެ.