އަހަރީ ބޮޑު ޗުއްޓީގައި އެކި ޤައުމުތަކަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޢާންމުވަމުން އަންނަ ކަމެކެވެ. މި ގޮތަށް ޤައުމުތަކަށް ގިނަ މީހުން ދަނީ އާއިލީ ދަތުރެއްގެ ގޮތުގަ އެވެ. މި ފަދަ ދަތުރުތަކުގެ މަންޒިލެއްކަމުގައި މައްކާ ހަދައިފި ނަމަ ގިނަގުނަ ފައި ދާއާއި ދަރުމަޔާއި ޘަވާބު ލިބޭނެކަން ކަށަވަރެވެ.
އަހަރީ ޗުއްޓީގައި ބަރަކާތްތެރި މަންޒިލަކަށް ދަތުރުކުރުމުގެ ފައިދާތައް އިންތިހާއަށް ގިނަވެގެންވެ އެވެ. އެކަމުގެ ސަބަބުން ތިބާގެ ރިޒުޤާއި، ވަގުތާއި، އަދި ގުޅުންތަކުގައި ބަރަކާތްލެއްވިގެންދާނެ އެވެ. މި އަޓިކަލްގައި މި ބަލާލަނީ އަހަރީ ޗުއްޓީ ހޭދަކުރާނެ މަންޒިލަކަށް މައްކާ ހަދަން ޖެހޭ 5 ސަބަބެވެ.
ފުރަތަމަ ސަބަބު:
މައްކާ އަކީ މި ބިންމަތީގައިވާ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި ބިމެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
މާނައީ:”ހަމަކަށަވަރުން މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި އަޅުކަމުގެ ގެއަކީ މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.]
ދެވަނަ ސަބަބު:
އިބްރާހިމް عليه السلام މައްކާ ގެ ގޮވާމާއި މޭވާ އާއި އަދި އެ ރަށުގެ ޞާ ޢާއި މުއްދުގައި ބަރަކާތްލެއްވުމަށް ދުޢާ ކުރެއްވި އެވެ. (رواه الترمذي و صححه الألباني)
ތިންވަނަ ސަބަބު:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވި އެވެ؛
«صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ، إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ» [مسند أحمد وصححه الألباني]
މާނައީ:”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ޘަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށް ވުރެ 1،000 ގުނަ އިތުރުވެގެންވެ އެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ޘަވާބު އެ ނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.]
ހަތަރު ވަނަ ސަބަބު:
މައްކާގެ މާތްކަމާއި ބަރަކާތްތެރިކަން އަދައިގެން ސަލަފުންގެ ބޭކަލުންނާއި ބޮޑެތި ޢިލްމުވެރިން ގިނަގިނައިން މައްކާ އަށް ޒިޔާރަތް ކުރައްވާ އުޅުއްވި އެވެ. އެ ބޭކަލުންނަށް މައްކާއަށް އައުމުގެ ފުރުޞަތު ލިބިއްޖެ ނަމަ ހެޔޮ ޢަމަލުތަކުގެ މީޒާންބަރުވާ ފަދަ ޞާލިޙް ޢަމަލުތައް ގިނަކުރަން ހިއްމަތްކުރެއްވި އެވެ.
މިފަދަ އެއް މިސާލަކީ އިބްނުލް ޤައްޔިމް رحمه الله އެވެ. އިބްނުލް ޤައްޔިމް މައްކާގައި ހުންނެވިއިރު ގިނަގިނައިން ނަމާދުކޮށް ޠަވާފުކޮށް ޤުރުއާން ކިޔަވާ ފޮތް ލިޔުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ގިނަގިނައިން ޒަމްޒަމްފެން ހިއްޕެވި އެވެ.
ފަސްވަނަ ސަބަބު:
މާތް ﷲ އަށް އަޅުކަންކޮށް ކިޔަމަންތެރިކަމުގެ ޢަމަލުތައް ކުރުމަށް ޙަރަމްފުޅަށް ކެރިކުޅަދާނަވީވަރަކުން ދިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބާރުއަޅުއްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވި އެވެ؛
(اِستَمْتِعُوْا بِهذَا البَيت فَقَدْ هُدِمَ مَرتين، ويُرْفَعُ في الثالثةِ) [رواه البزار وصححه الألباني في السلسلة الصحيحة].
“މި ގެފުޅުގެ ކައިރީގައި މަޑުކޮށް އަޅުކަންކުރުމުގެ އުފާވެރިކަން ލިބިގަންނާށެވެ. އެ ގެފުޅު ދެ ފަހަރު ބިމާ ހަމަކުރެވުނެވެ. ތިންވަނަ ފަހަރަށް ގެފުޅު އުފުލޭނެ އެވެ.”
އަހަރީ ޗުއްޓީ ގެ މަންޒިލެއް ކަމުގައި މައްކާ ހަދައިފި ނަމަ ދަރިންގެ ހިތުގައި އިސްލާމްދީނާ މެދު ޝައުގުވެރިކަން އުފެދި، ދީނީ ކަންކަމަށް ސަމާލުވެ ލޯހުޅުވޭނެއެވެ. މި މާތް ބިމުގައި ކުރެވޭ ދުޢާތައް އިޖާބަވުމުގެ އުއްމީދު ބޮޑުވެގެންވާކަމުގައި ޢިލްމުވެރިން ބަޔާންކުރައްވަ އެވެ. ކިތަންމެ ޒުވާންކޮށް ހުއްޓަސް މާދަމާ ވެސް މަރުވެދާނެ އެވެ. މަރުވުމުގެ ކުރިން މި މުޤައްދަސް ބިމަށް ޒިޔާރަތް ކުރުމުގެ ނިޔަތާއި އުއްމީދު ހަޤީޤަތަކަށް ހެއްދެވުމަށް އަވަސްވެލައްވާށެވެ.
ނޯޓް: މިއީ ޝައިޚް މުޙައްމަދުގެ ލިޔުއްވުކެވެ.