މަގާމުތަކުގައި މިހާރު ތިބީ ފިނދަނަތަކެއް ފަދަ ބައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އެއްވެސް މައްސަލައެއް ބެލޭނެ ތަނެއް ނެތް ކަމަށާއި ތަންތަނުގައި ނަޒާހަތްތެރިކަމެއް ނެތް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނަރަލް ވެސް ދައުލަތުގެ ބަންޑާރަ ނައިބުގެ ދަށުވެފައި ހުންނަހެން ހީވާ ކަމަށާއި އެގޮތުން ބަންޑާރަ ނައިބު ދޭ ލަފާގެ މަތިން ނޫނީ ޕްރޮސެކިއުޓާ ޖެނެރަލަށް ފިޔަވަޅެއް އެޅޭ ކަމަކަށް ވެސް މިހާރު ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އާއި ބަންޑާރަ ނައިބު ގުޅުން އޮވެގެން ނުވާނެ ކަމަށާއި ބަންޑާރަ ނައިބަށް ޕްރޮސެކިއުޝަނުގެ ތެރޭގައި ހުންނަ މައްސަލަތަކެއް ނުވަދެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި ކޮންމެ މީހަކު ވެސް މިހާރު ބަލަނީ މަގާމު ދިފާއުކުރުމަށް ކަމަށާއި އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް މަގާމުގައި ހުރެވޭނަމަ ބަންޑާރަ ނައިބު އޭނާގެ މަސައްކަތުގެ ތެރެއަށް އަތް ބޭނިޔަސް ވަރިހަމަ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ދެންނެވީ ހަމަ ފިނދަނަތަކެއް ކަހަލަ ބަޔަކު މިތިބީ މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެގެން. މިތާކު ނެތް ކްރެޑިބަލް މީހެއް. އަދި މިތާ ތިބި މީހުންގެ ތެރޭގައި ރައްޔިތުން އެމީހުންނަށް އިތުބާރުކުރާ، އިހުތިރާމް ކުރާ މީހަކުވެސް ނެތް،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ މި ސަރުކާރަށް ތިން މަސް ދުވަހުގެ ތެރޭގައި ވާނުވާ ބަންދުގެ މައްސަލަތައް ނިންމޭއިރު، 5 މިނިޓު ތެރޭގައި ވެސް އެ މައްސަލަތައް ނުނިންމެންވީ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒުމެން ފަދަ ބޭފުޅުން ސިފަ ކުރެވޭނީ ދެ އަނގައިގެން ވެރިންގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.