Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ކުރިއަށް އޮތީ ޑްރަގު ވިޔަފާރިކުރާ މީހުންނަށް ހަނަފަސް އަހަރުތަކެއް

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތީ ޑްރަގު ވިޔަފާރިކުރާ މީހުންނަށް ހަނަފަސް އަހަރުތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ދާންވާއިރަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުން ކަމަށާއި އެގޮތުން ރާއްޖެ ސަރަހައްދަށް މަސްތުވާތަކެތި ވަނުން ހުއްޓުވުމަށްޓަކާ އުޅަނދުތަކުގައި ޓްރެކިން ޑިވައިސްތައް ހަރުކޮށްގެން އުޅަނދުތައް މޮނީޓާ ކުރުމުގެ މަސައްކަތް ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ތަންފީޒުކުރަން ފެށޭނެ ކަމަށާއި އޭރަށް މިހާރު ރާއްޖޭގެ ސަރަހައްދު ޑްރޯން މެދުވެރިކޮށް މޮނީޓާ ކުރުމުގެ އިތުރަށް ކަނޑުމަގުން ވެސް މޮނީޓާކޮށް ރާއްޖެއަށް ޑްރަގް ވަނުން ހުއްޓުވުމަށް ވެސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެހެންވީމަ ޑްރަގުގެ ވިޔަފާރިކުރާ މީހުންނަށް ވަރަށް ހަނަފަސް އަހަރުތަކަކަށް ވެގެންދާނީ މި އަހަރުތައް،" އިހުސާން ވިދާޅުވި އެވެ.

މަސްތުގައި ޖެހިގެން ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެގެންދާން ބޭނުންނުވާ ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މި މައްސަލަ އޮތީ އާދަޔާ ހިލާފަށް ބޮޑުވެފައި ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި މީގެކުރިން ވެސް ސަރުކާރުތަކުން ޑްރަގާއި ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިނަމަ މި މައްސަލަ މިހާ ގޯސްކޮށް ނޯންނާނެ ކަމަށާއި މި ފަސް އަހަރުތެރޭ މިކަމުގައި ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ދާދި ފަހުން ފުލުހުން ވަނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އެ އޮޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 34 މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ދޭން އެދި ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.