Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ސިޔާސީ މީހުންގެ ކޮރަޕްޝަނާއި ފަސާދަ!

ރާއްޖެއަކީ ނާޒުކު އިޤްތިޞާދެއް އޮންނަ، ކުޑަ ޤައުމެކެވެ. މިފަދަ ޤައުމެއްގެ ތަރައްޤީއަށް ހުރަސްއަޅާ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަ އެންމެ ބޮޑު ނުރައްކަލަކީ ސިޔާސީ ކޮރަޕްޝަނެވެ. ސިޔާސީ ފަރާތްތަކުގެ ފަސާދައާއި، ދެނެގަތުމަށް ދަތި ގޮތްގޮތަށް ހިންގާ ކޮރަޕްޝަންގެ ޢަމަލުތަކަކީ ޤައުމުގެ އެތެރޭގެ ހަމަޖެހުމާއި، މާލީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުން ބަޔާން ކުރެވޭ ވަރަށް ވުރެ ބޮޑެވެ.

އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ) އިން ދާދި ފަހުން ނެރުނު ރިޕޯޓުތަކުން، ރާއްޖޭގެ ސިޔާސީ ދާއިރާގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ފަރާތްތަކުން ކޮރަޕްޝަނާއި، މަނީ ލޯންޑަރިން އާއި، ޤައުމީ މުއްސަނދިކަމަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމަކީ، ރާއްޖޭގެ މާލީ ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

ސިޔާސީ މަޤާމުތަކުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން، އަމިއްލަ މަސްލަހަތު އިތުރުކުރުމަށްޓަކައި، ނުހައްގުން މުދާ އެއްކޮށް، އެ ފައިސާ ދައުރުކުރުމަށް މަނީ ލޯންޑަރިންގެ ނިޒާމުތައް ބޭނުންކުރުމަކީ ޤައުމުގެ އިޤްތިޞާދީ ބިންގާތަކަށް ބޮޑެތި ގެއްލުންތަކެއް ދީ، އެ ނިޒާމް ސުންނާފަތިކޮށްލާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި ރާއްޖެއަށް އޮންނަ އިތުބާރު ގެއްލި، ބޭރުގެ އިންވެސްޓްމަންޓްތައް ނުލިބުމަށް މަގުފަހިވެއެވެ.

ސިޔާސީ ފަރާތްތަކުގެ ފަސާދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށެވެ. ޞިއްޙީ ހިދުމަތާއި، ތަޢުލީމާއި، އުމްރާނީ ތަރައްޤީއަށް ހޭދަކުރަންޖެހޭ ފައިސާ، ސިޔާސީ ބާރުވެރިންގެ ޖީބަށް ވަނުމުގެ ސަބަބުން، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފުރިހަމައަށް ނުލިބި، ދިރިއުޅުމުގެ ފެންވަރު ދަށްވެއެވެ. މިކަމުގެ ސަބަބުން ޢަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލި، ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަ ނުވާ ކަމުގެ އިޙްސާސް އުފެދެ އެވެ.

ޤައުމެއްގެ ތަރައްޤީ އަށް އެންމެ މުހިންމު ކަމަކީ ހަރުދަނާ އިޤްތިޞާދީ ނިޒާމަކާއި، ސާފު ހިންގުމެއް އޮތުމެވެ. ނަމަވެސް ސިޔާސީ ކޮރަޕްޝަނުގެ ސަބަބުން މިކަންކަމަށް ހުރަސްއެޅި، ޤައުމުގެ ކުރިމަގު ދަނީ އަނދިރިވަމުންނެވެ.

އިސްލާމް ދީނުގައި ކޮރަޕްޝަނާއި ފަސާދަ އަކީ ހަރާމް ކަންކަމެވެ. މުޖުތަމަޢުގައި ޢަދުލުވެރިކަމާއި، އަމާނާތްތެރިކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅައެވެ. ނުހައްޤުން މުދާ ހޯދުމާއި، ނާޖާއިޒް ބާރުގެ ބޭނުންކުރުމަކީ އިސްލާމީ އަޚްލާޤާ އެއްގޮތް ނޫން ޢަމަލުތަކެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ވެސް އިސްލާމްދީނުގެ އަސާސްތަކަށް ބާރުއަޅާފައިވާއިރު، ކޮރަޕްޝަން ފަދަ ޢަމަލުތަކަކީ ދިވެހި މުޖުތަމަޢުގެ އަގުތަކާ ޚިލާފު ކަންކަމެވެ.

ކުރު ގޮތަކަށް ދަންނަވާ ނަމަ، ސިޔާސީ ފަރާތްތަކުގެ ކޮރަޕްޝަނާއި ފަސާދަ އަކީ ރާއްޖޭގެ މާލީ ސަލާމަތަށާއި، އިޤްތިޞާދީ ތަރައްޤީއަށާއި، މުޖުތަމަޢުގެ އަމާނާތްތެރިކަމަށް ހުރި ނުރައްކަލެކެވެ. މިކަންކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅި، ޒިންމާދާރުކަމާއި ސާފުކަން އިސްކުރުން މުހިންމެވެ. ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން މިފަދަ ޢަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަކީ، ރައްޔިތުންގެ ހައްޤުގައި، އަދި ޤައުމުގެ ކުރިމަގަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.