ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައި ވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި އެ މަނިކުފާނު ވިދާޅުވީ ޑިސެންބަރު 26، 2006 ގައު ކުރިމަތިވި ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް ގިނަގުނަ ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ޙާލަތްތަކާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އިޖްތިމާޢީ އެތައް ފައިދާތަކެއްވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި، ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ރާއްޖެ އަބަދުމެ ދެމިއޮތުމުގެ ފައިދާ އަކީ މިކަމުން ލިބުނު ޢިބްރަތެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާ ކަމަށާއި، ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާ ކަމަށެވެ.
ސުނާމީ ކާރިސާ އަށް ފަހު ދިވެހިން ދިރުވި އެއްބައިވަންތަކަން ހަނދާންކޮށް އެއް ޤައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމާއި، އެކުވެރިކަމުގެ ގަދަފަދަ ގުޅުމާއި ބާރު ހަނދާންކޮށް ދެއްވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައި ވެސް އެންމެން އެއްބައިވާން. އެކަކު އަނެކަކަށް ހެޔޮ ފޯރުވަން. އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލާން،" ރައީސް ވިދާޅުވި އެވެ. "ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ޚުލްޤާއި ސުލޫކު. ދިވެހީންގެ ބަދަހިކަން އިތުރުކުރައްވައި، ސަލާމަތާއި ރައްކާތެރިކަމުގައި މި ޤައުމު އަބަދުމެ ލައްވާށި."