ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމު "ދާއިރާ" ގެ މަސައްކަތް ނިންމައިފިި އެވެ.
ފިލްމުގެ ޓީމުން އެކަން މިއަދު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވާ އިރު، މެގްނާ ގުލްޒާރު ޑައިރެކްޓްކުރާ މި ކްރައިމް ޑްރާމާގެ ޝޫޓިން ފެށިކަން އިއުލާންކުރީ ސެޕްޓެމްބަރު މަހުގެ 25 ގަ އެވެ. "ދާއިރާ" ގެ ބަތަލަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން އެވެ.
އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ ކާޖޮލް އާއި ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާނާ އެކު މި އަހަރުގައި ޖުލައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ސަރްޒަމީން" އިންނެވެ.
"ދާއިރާ" އަކީ ކަރީނާ އާއި ޕްރިތުވީ ވެސް މެގްނާއާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ޖަނގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ ފިލްމުގެ ޝޫޓިން ނިންމައިލި ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
އާންމުކޮށް ވަރަށް ސީރިއަސް ޓޮޕިކްތަކަށް ފިލްމު ހަދާ މެގްނާގެ އެންމެ ފަހުގެ ފިލްމަކީ ވިކީ ކޯޝަލާ އެކު 2023 ގައި ގެނެސްދިން ބައޮގްރަފިކަލް ހަނގުރާމަ ފިލްމު "ސޭމް ބަހާދޫރް" އެވެ. އޭނަ ޑައިރެކްޓްކޮށްފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" އާއި އާލިއާ ބަޓްގެ "ރާޒީ" އަދި ކުރީގެ އެކްޓަރު އިރުފާން ޚާންގެ "ތަލްވާރް" ހިމެނެ އެވެ.
"ދާއިރާ" ގެ ޝޫޓިން ނިންމައިލި އިރު، ކަރިނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސިންގަމް އެގެއިން" އެވެ.