Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ޕްރައިމަރީ ނުބާއްވާ ޕީއެންސީގެ އައްޑޫ މޭޔަރު ޓިކެޓް މުޝްރިފަށް

ޕްރައިމަރީއަކާ ނުލައި، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރަން ޓިކެޓް، މުޝްރިފް އަލީ އަށް ލިބިއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މާދަމާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫގެ މޭޔަރުކަމުގެ ޓިކެޓަށް މުޝްރިފްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މި ވަގުތު ހުންނެވި ޑރ. އަހުމަދު އަދީލު ނަސީރު ވެސް ވާދަކުރަން ނިންމި އެވެ.

ނަމަވެސް ޕްރައިމަރީއަށް އެއް ދުވަހަށް ވެފައިވަނިކޮށް އަދީލު ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އަދީލު ނަން އަނބުރާ ގެންދިޔަ ސަބަބެއް އެނގިފައެއް ނުވެ އެވެ.

އަދީލު ނަން އަނބުރާ ގެންދިޔުމުން ޕީއެންސީގެ އައްޑޫ މޭޔަރުގެ ޓިކެޓް މުޝްރިފަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވަނީ، އައްޑޫގެ މިހާރުގެ ވެސް މޭޔަރު އަލީ ނިޒާރު އެވެ.