Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ޕީއެންސީގެ ކައުންސިލް ޕްރައިމަރީ މާދަމާ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ޕްރައިމަރީގައި ޖުމްލަ 304 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 183 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 121 ކެންޑިޑޭޓުން ވާދަކުރެ އެވެ.

ޕީއެންސީން ބުނީ ދެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވާ ޕްރައިމަރީ މާދަމާ ބާއްވާ އިރު، ޕްރައިމަރީއާ ނުލައި ބައެއް މީހުން ދާއިރާތަކަށް ހޮވިފައިވެ އެވެ. ޕީއެންސީން ބުބޫ ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބީ ދާއިރާތަކުގެ ޕާޓީގެ މެންބަރުންގެ ލިސްޓު، ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓަކަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފާއިވެ އެވެ.

ޕީއެންސީން ބުނީ ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ޕާޓީ އޮފީހަށް ފޮނުވާނީ އިންތިހާބީ ޝަކުވާ ހުށަހެޅުމަށް ހާއްސަކޮށްފައިވާ ނަންބަރު، 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށެވެ.