ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި "މަސްޖިދުލް އީމާން" މިއަދު ހުޅުވައިފިއެވެ.
އެ މިސްކިތް ހުޅުވީ މިއަދުގެ ހުކުރު ނަމާދާ އެކީގަ އެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދުގެ ހުކުރު ޚުޠުބާ ދެއްވީ، އަލްހާފިޒް އުވައިސް ބިން އިނާޒެވެ. ހުކުރު ނަމާދުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ތިން ބުރި އަށް ބިނާކޮށް ޒަމާނީ ހިތްގައިމު މި މިސްކިތަކީ 1،200 މީހުންގެ ޖާގައިގެ މި މިސްކިތެކެވެ. މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްސަ ތަނެއް ކަނޑައަޅާފައި ވެއެވެ. އަދި މިސްކިތުގެ ގޯތިތެރޭގައި ޕާކިން ޒޯނެއް ހަދާފައިވާ އިރު މިސްކިތް ބިނާކޮށްފައިވަނީ، އިރުގެ އަލި މިސްކިތުގެ ތެރެއަށް ފޭދޭ ގޮތަށެވެ.
މިސްކިތުގެ ގްރައުންޑް ފްލޯގައި 8 ފާޚާނާ ހަދާފައިވާ އިރު، އޭގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ދެ ފާޚާނާ ހަދާފައިވެއެވެ.
މި މިސްކިތުގައި ވުޟޫކުރުމަށް ޚާއްސަ ބައެއް ވެސް ހަދާފައިވެ އެވެ.