Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

އިމަޖެންސީ ސާމާނުތަކެއް ފުލުހުންނަށް ހަދިޔާކޮށްފި

ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފި އެވެ.

އެ ތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެންނެވެ.

ތަކެތި ހަވާލުކުރުމަށް އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، އެން.ޑީ.އެމް.އޭ ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި، ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ނަވީން ވަނީ ޑިކާރިސާތަކާއި ހަދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއް ވީތީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖުމްލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ ދަށުން ފަސް ދާއިރާއަކުން 2،064 އައިޓަމް ފުލުހުންނަށް ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީޕީއީ) ހިމެނެ އެވެ.

މި ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ "ރިޑްސް އިން ސިޑްސް" މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާ އެކު ފޯރުކޮށްދިން ތަކެއްޗެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުމެވެ.