އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީއަށް އިއްޔެ ގެނައި އިސްލާހު ބަދަލުކޮށް، 12،000 ރުފިޔާއާ ހަމައަށް އިނާޔަތް ދޭން ނިންމައިފި އެވެ.
އިއްޔެ އިސްލާހުކޮށް ގެޒެޓްކުރި ގަވާއިދުގައި ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް 15،000 ރުފިޔާއާ ހަމައަށް އިނާޔަތް ލިބޭގޮތަށް އެލަވަންސް ބޮޑުކޮށްފަ އެވެ.
އެގޮތުން، 1 ޖެނުއަރީން ފެށިގެން މަހެއްގެ މައްޗަށް 4 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3000 ރުފިޔާ ލިބޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި ކުދިންގެ އަދަދު އެއަށް ވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށް ވަނީ ކަނޑާއަޅާފަ އެވެ.
ނަމަވެސް މިއަދު އަލުން އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ހަތަރު ކުދިންނަށްވުރެ އިތުރުވާ ނަމަ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭ މާއްދާ އުނިކޮށްފަ އެވެ. އަދި ލިބޭނީ ޖުމްލަ ހަތަރު ކުދީންނާ ހަމައަށް ކުއްޖަކަށް 3،000 ރުފިޔާ ކަމުގައި ކަނޑައަޅާފައިވެ އެވެ.
އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.