Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ކޯޓަށް ހާޒިރުކުރަން މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުކުރުމުގެ ބޭނުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.

ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތަށް މަންޑޭ ހާޒިރުވެފައިނުވެ އެވެ. އެހެންވެ ކޯޓުން ވަނީ މަންޑޭ، ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައެވެ.

ފުލުހުން މިރޭ ބުނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި މަންޑޭ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.