އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ލީގުގެ ފަސްވަނަ މަގާމަށް އަރައިފި އެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ 18 މެޗުން 29 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ. މި މެޗުން ބަލިވި ނިއުކާސަލް އޮތީ 18 މެޗުން ލިބުނު 23 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޔުނައިޓެޑަށް މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުލްބެކް ޕެޓްރިކް ޑޯގޫ އެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދޭން އެޓީމުގެ ފޯވާޑް ބެންޖަމިން ސެސްކޯ އަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި ހާފުގައި ނިއުކާސަލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، އެޓީމުގެ ފުލްބެކް ލުވިސް ހޯލް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެ އެވެ.
އެ ހަމަލާއަށް ފަހު ވެސް ނިއުކާސަލުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތް ވަނީ ނުވެފަ އެވެ.
ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ވުލްވްސްއާ އެވެ. ނިއުކާސަލް ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ.