Last Updated: July 9, 06:10
Thursday, July 9, 2026
މުނިފޫހިފިލުވުން

އަކްޝޭގެ ބަދަލުގައި 'ޑްރިޝަމް 3' އަށް ޖައިދީޕް

އަޖޭ ދޭވްގަން ކްރައިމް ތުރިލާ "ޑްރިޝަމް" ފިލްމު ސީރީޒްގެ ތިން ވަނަ ބައި ނުކުޅެން އަކްޝޭ ކަންނާ ނިންމުމާ ގުޅިގެން އޭނަގެ ރޯލު ޖައިދީޕް އަހުލުވާތަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަޖޭ އާއި ތައްބޫ މުހިއްމު ރޯލުތަކެއް ކުޅޭ ފިލްމުގެ ކްރޫއާ ޖައިދީޕް އަންނަ މަހުގެ ތެރޭގައި ގުޅޭނެ ކަމަށެވެ. އަދި "ޑްރިޝަމް 3" ގައި އޭނަ ކުޅޭނީ މީގެ ކުރިން އެއްވެސް ފިލްމެއްގައި ކުޅެފައި ނުވާ ކަހަލަ ވަރަށް ވަރުގަދަ ރޯލެއް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އަބަދު ވެސް ވަރަށް ވަރުގަދަ ކެރެކްޓާ ރޯލުތަކެއް ކުޅެމުން އަންނަ ޖައިދީޕަކީ މި ފަހުން ބޮޑެތި ގިނަ ފަހުން ފިލްމުތަކުން ފުރުސަތައް ލިބެމުން އަންނަ އެކްޓަރެކެވެ. އެގޮތުން އޭނަ އަކީ އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ "ކިންގް" ގެ ކާސްޓްގައި ވެސް ހިމެނޭ ފަންނާނެކެވެ. އަދި އަންނަ މަހުގެ 1 ގައި ރިލީޒްކުރާ ދަރުމެންދުރާގެ އެންމެ ފަހުގެ ފިލްމު "އިއްކީސް" ގެ ރޯލަލުން ވެސް ޖައިދީޕް ފެންނާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޑްރިޝަމް 3" އަކްޝޭ ދޫކޮށްލީ އިންޑިއާގެ ސިނަމާގައި މިހާރު ރަސްކަން ކުރަމުން އަންނަ "ދުރަންދަރު" ގައި އޭނަ ކުޅުނު ވިލަންގެ ރޯލުން ލިބުނު އިތުރު މަޝްހޫރުކަމާ އެކު ފިލްމަށް ޑިމާންޑްކުރި އަގު ބޮޑުވެގެންނެވެ. އެގޮތުން 21 ކްރޯޑް ރުޕީސް (2.3 މިލިއަން ޑޮލަރު) އަށް ޑިމާންޑް ކުރުމުން އެވަރުގެ އަގެއް ދޭން ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމުން އޭނަ ފިލްމު ދޫކޮށްލަން ނިންމީ އެވެ.

އަކްޝޭ އަކީ 2022 ގައި ރިލީޒްކުރި "ޑްރިޝަމް 2" ގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގައި އޭނަ ކުޅުނީ އިންސްޕެކްޓާ ޖެނެރަލްއެއް ކަމަށްވާ ތަރޫން އަހުލުވާތުގެ ރޯލެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ "ޑްރިޝަމް" ދެ ބަޔަށް ފަހު ގެނެސްދޭން ހަމަޖެހިފައިވާ ތިން ވަނަ ބައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.

މީގެ ފުރަތަމަ ބައި ނިޝިކާންތު ކަމަތު ޑައިރެކްޓްކޮށް ގެނެސްދިނީ 2015 ގަ އެވެ. އަދި "ޑްރިޝަމް 3" އަކީ ދެވަނަ ބައި ވެސް ޑައިރެކްޓްކުރި އަބީޝެކް ޕަތަކް ހަދާ ފިލްމެކެވެ.

"ޑްރިޝަމް" ފިލްމު ސީރީޒަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާ އެކު ހަމަ އެ ނަމުގައި ގެނެސްސެމުން އަންނަ ފިލްމު ސީރީޒަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ. އޭނަ ވެސް މިހާރު އަންނަނީ ތިންވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ.