ތަކުރަކީ އަތްމަތި ތަނަވަސް މަސްވެރި އޮޑިވެރިއެކެވެ. ތަކުރުގެ އަތްމަތި ކިތަންމެ ތަނަވަސްވިޔަސް، ތަކުރު އަބަދު ވެސް ކަނީ ގަރުދިޔަކޮޅަކާ މަސްކޮޅެއް ލައިގެންނެވެ. އިތުރު އެއްޗެއް ހޯދަން ތަކުރު ނުރުހެއެވެ. މިކަމާ ތަކުރުގެ އަންހެނުން ބީފާނު ވަރަށް ޝަކުވާ ކުރެއެވެ. އަދި ތަކުރު ގާތު ކޮންމެ ދުވަހަކުހެން ބުނެ އެވެ. "ތަކުރާ އެވެ! ތަކުރަކީ ނުލިބޭ މީހެއް ނޫނެވެ. އަތްމަތި ތަނަވަސް މީހެކެވެ. ގަރުދިޔައިގެ ބަދަލުގައި ބައެއް ދުވަސް ދުވަހު އެހެން އެއެއްޗެއް ތައްޔާރުކޮށްލެވޭނޭ ގޮތް ހަދައިދޭންވީ ނޫން ހެއްޔެވެ؟ ތަރުކާރީ ކޮޅެއް ނޫނީ އެއްގަމު މަސްކޮޅެއް ހޯދައި މީރު ރިހައެއް ވެސް ކައްކާލެވޭނޭ ގޮތް ހަދައި ދިނުން ހަމަ އެންމެ ރަނގަޅު ނޫން ހެއްޔެވެ؟
ނަމަވެސް، ތަކުރުގެ ދަހިކަން، ތަކުރުގެ އަންހެނުންގެ އެދުމަށް އަމަލީ ސިފައެއް ގެނައުމަށް ހުރަސް އެޅިއެވެ. އަދި، ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަންހެނުންގެ ވާހަކަ އޮއްބާލާފައި ހަމައެކަނި ގަރުދިޔަ ފުދޭނޭ ކަމަށް ތަކުރު ބުންޏެވެ.
ކޮންމެއަކަސް ތަކުރުގެ ގަރުދިޔަގަނޑަށް ނިމުމެއް ގެންނަންވެގެން ތަކުރުގެ އަންހެނުން ބީފާނު އޭނާގެ ބައެއް ގާތް ރައްޓެހިން ގާތު ތަކުރުގެ ގަރުދިޔައިގެ ވާހަކަ ބުންޏެވެ. ދެން އޭގެ ތެރެއިން އެކަކު ބުންޏެވެ.
"ބީފާނެވެ! ކަންބޮޑުނުވާށެވެ! ތިޔަކަންތައް ދާދި ފަސޭހައިން ބަދަލުކޮށްލެވިދާނެއެވެ. އަހަރެން މި ދޭ ބޭސް ގުޅަ ތަކުރުގެ ގަރުދިޔަ ބޯތައްޓަށް ލައި ގިރާލާށެވެ! ދެން، ތަކުރު ފުން ނިންޖަކުން ނިދާނެއެވެ. ތަކުރު ނިދުމުން، އަހަރެން ފޮނުވާ އަހަރެންގެ ދެ ރަހުމަތްތެރިން އެ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ދޫކޮށްލާށެވެ!"
ދެން، ބީފާނު ގެއަށް ގޮސް އެރޭ ތަކުރަށް ކާން ތައްޔާރުކޮށް ތަކުރުގެ ގަރުދިޔަ ބޯތައްޓަށް އެއްކަލަ ބޭސް ގުޅަ ލައި ގިރާލިއެވެ. ތަކުރުގެ ކާ ގަނޑި ޖެހުމުން، ތަކުރު އައިސް ކެއެވެ. އަދި، ބީފާނުގެ އެކުވެރިޔާ ބުނި ހެން، ތަކުރަށް ފުން ނިންޖަކުން ނިދިއްޖެއެވެ. އެ ވަގުތު، ބީފާނުގެ އެކުވެރިޔާ ފޮނުވި ފިލާ ތިބި ދެ ފިރިހެނުން ނިކުމެ ތަކުރު ގޭގެ އެތެރޭގައި ހުރި އަނދިރި ކޮޓަރިއަކަށް ގެންދިޔައެވެ.
އެ ކޮޓަރީގައި ހުރި އެނދެއް މަތީ ތަކުރު ބާއްވާފައި އޭނާގެ ހެދުން ބާލައި މަރުވެފައި އޮތް މީހެއް ފަދައިން ކަފުން ކުރިއެވެ. ދެން، އިރުކޮޅެއް ވަންދެން ތަކުރަށް ބަލަހައްޓައިގެން އެ ދެ މީހުން ތިއްބެވެ. ގަޑިއެއްހާ އިރު ފަހުން ތަކުރު ހޭއެރިއެވެ. ދެން، އޭނާ ކަފުން ކުރެވިފައި އޮތްކަން އިހުސާސުވެ، އޭނާ އޮތީ މަރުވެފައިކަމަށް އޭނައަށް ގަބޫލުކުރެވުނެވެ.
އެ ވަގުތު އެއްކަލަ ދެ ފިރިހެނުން އައިސް ތަކުރު ކުރިމައްޗަށް ހުއްޓުނެވެ. އޭރު އެ ދެމީހުން ތިބީ ކަޅުކުލައިގެ ބޮޑު ހެދުމެއް ލައިގެންނެވެ. އަދި، ތަކުރާ ސުއާލުކުރަން ފެއްޓިއެވެ.
އެ ދެ މީހުން: ކަލޭގެ ސާހިބުވަންތަ ރަސްކަލާނގެ އަކީ ކޮބައި ހެއްޔެވެ؟
ތަކުރު: (ވަރަށް ބިރުން ހުރެ) މާތްﷲއެވެ. (އަދި، ޝަހާދަތުގެ ދެކަލިމަ ވެސް ތަކުރު ކިއެވެ!)"
އެ ދެ މީހުން: ކަލޭގެ ރަސޫލަކީ ކޮބައި ހެެއްޔެވެ؟
ތަކުރު: ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނެވެ.
އެ ދެ މީހުން: ކަލޭގެ ދީނަކީ ކޮބައި ހެއްޔެވެ؟
ތަކުރު: އިސްލާމް ދީނެވެ.
އެ ދެ މީހުން: ދުނިޔެ މަތީ ކަލޭ ކައި އުޅުނީ ކޮން އެއްޗިއްސެއް ހެއްޔެވެ؟
ތަކުރު: ގަރުދިޔަ ނޫން އެއްޗެއް އަހަންނެއް ނުކަމެވެ.
އެ ދެ މީހުން: ގަރުދިޔަ ނޫން އެއްޗެއް ހަމަ ނުކަމު ހެއްޔެވެ؟ މާތްﷲ ވަހީކުރައްވައިފައި ވަނީ كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ، މާތްﷲ ކަލޭމެންނަށް ދެއްވި ރަނގަޅު ތަކެތިން ކައިހަދާށެވެ. އަދި، [އެކަމަށްޓަކައި] އެކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ!" ދުނިޔެމަތީ ކަލޭ އުޅުނު އިރު، ކަލެއަށް އެހެން އެއްޗެހި ލިބިގަތުމުގެ ތަނަވަސް ކަން އޮތް އިރު ވެސް، ކަލޭ ކައި އުޅުނީ ހަމައެކަނި ގަރުދިޔަކޮޅެކެވެ. މިއިން އަންގައިދެނީ ކަލެއަކީ ވަރަށް ވެސް ދަހި މީހެއް ކަމެވެ. އަދި، މާތްﷲ ކަލެއަށް ދެއްވި ނިއުމަތްތަކަށް ޝުކުރު ނުކުރާ މީހެއް ކަމެވެ. މިކަމުގެ ސަޒާއަކީ މަހުޝަރަށް ކަލޭ ހާޒިރުކުރެވެންދެން ހަންމުށިން ކަލޭގެ ގައިގާ ތެޅުމެވެ."
މިހެން ބުނެ، އެ ދެމީހުންގެ އަތުގައި އޮތް ހަންމުށިން ތަކުރުގައިގައި ތަޅަން ފަށައިފިއެވެ. ދެން، އިސާހިތަކު ތަކުރު ހޭނެތުވެ. އެ ވަގުތު އެ ދެމީހުން ތަކުރު ގޭ މެދުގެއަށް ގެންގޮސް ތަކުރު ގައިގައި ލެވިފައި އޮތް ކަފުން ނަގައި ތަކުރުގެ ހެދުން އެޅުވިއެވެ. ދެން، އެ ދެމީހުން އެ ގެއިން ނިކުމެގެން ދުވެ ދިޔައެވެ.
އިރުކޮޅަކުން ތަކުރު ހޭއެރި އެވެ. އެތަނަށް ތަކުރުގެ އަނބިމީހާ ބީފާނު އައުމުން، ބިރުން ތުރުތުރު އަޅައި އަދި ގައަށް ތަދުވާ ހާލު އޮވެ، ބީފާނު ކުރެން ތަކުރު އެއްސެވެ. "އަހަންނަށް އެއްވެސް ކަމެއް ވިހެއްޔެވެ؟ އަހަރެން މަރު ނުވޭ ހެއްޔެވެ؟"
ދެން ބީފާނު ތަކުރު ގާތު ބުންޏެވެ. "އެއްވެސް ކަމެއް ނުވެއެވެ. ހީވަނީ ތަކުރު ތި އޮތީ މާ ބޮޑަށް ބަނޑުފައިވެފައި ހެންނެވެ. އެހެންވެ، ތަކުރު ކާލަން ބަތްކޮޅަކާއި ގަރުދިޔަ ބޯތައްޓެއް ހިފައިގެން އެބަ އަންނަމެވެ."
އެ ވަގުތު އަދި މާ ބޮޑަށް ބިރުގަނެ ތުރުތުރު އަޅަމުން ބުންޏެވެ. "ބީފާނެވެ! އެއް ގޮތަކަށް ވެސް ގަރުދިޔަ ގެނެސްގެން ނުވާނެއެވެ. އަބަދު ގަރުދިޔަ ކާމީހާ މަރުވުމުން، އޭނާ އަލުން ދިރުއްވުމަށް ދާންދެން އޭނާގެ ގައިގައި ހަންމުށިން ތެޅޭނެއެވެ. އެހެންވެ، އަހަރެންގެ ފޮށީގައި ހުރި ފައިސާ ނަގައިގެން އިބުރާހިމްބޭ ފިހާހަރަށް ގޮސް ކުކުޅާއި ތަރުކާރީ ގަނެގެން އައިސް މީރު ރިހައެއް ކައްކާށެވެ!"
އެ ދުވަހުން ފެށިގެން ގަރުދިޔަ ކެއުމާއި ތަކުރު ދުރުވިއެވެ.
ނޯޓް: މިއީ އަބްދުލް ގަފޫރު އަބްދުއްރަހީމްގެ ލިޔުމެކެވެ.