Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަތިތަކަށް އަވަސް ހައްލެއް ބޭނުން

ހަޔަ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު

ރާއްޖޭގެ ތަރައްޤީއަށްޓަކައި، ދައުލަތުގެ ޚަރަދުގައި ބޭރުގެ އެކި ޤައުމުތަކަށް ކިޔެވުމަށް ފޮނުވާ ދަރިވަރުންނަކީ، މާދަމާގެ ޤައުމު ބިނާކުރާނެ މުހިންމު ބައެކެވެ. މި ދަރިވަރުންނަށް ދައުލަތުން ލިބިދޭ ސްކޮލާޝިޕްތަކަކީ، އެ ކުދިންގެ ތަޢުލީމީ ކުރިއެރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ނަމަވެސް، މި ދަރިވަރުން މިހާރު ތަހައްމަލުކުރަމުންދާ އުނދަގޫތަކާއި ބުރަތަކަކީ، ކަންބޮޑުވާން ޖެހޭ މައްސަލަތަކެއް ކަމުގައި ދެކެމެވެ.

މި ދަރިވަރުންނަށް ލިބެން ޖެހޭ ފައިސާ ލަސްވުމަކީ، އެންމެ ބޮޑު އެއް މައްސަލައެވެ. ކުލި ދެއްކުމަށާއި، ކެއިންބުއިމާއި އަދި އެހެނިހެން އަސާސީ ބޭނުންތަކަށް ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ނެތިގެން، ގިނަ ދަރިވަރުން ދަނީ ބޮޑެތި ތަކުލީފްތަކެއް އުފުލަމުންނެވެ. ބައެއް ދަރިވަރުންނަށް ކުލި ނުދެއްކުމުގެ ސަބަބުން ދިރިއުޅޭ ތަންތަނުން ނެރެލުމުގެ ބިރު ވެސް ދަނީ ކުރިމަތިވަމުންނެވެ. މިފަދަ ހާލަތްތަކުގައި ދަރިވަރުންގެ ކިޔެވުމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.

މިކަންކަމުގައި ދަރިވަރުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އަށް ފޮނުވާ އީމެއިލްތަކަށް އެ މިނިސްޓްރީން ޖަވާބު ނުދޭކަމަށް އެ ދަރިވަރުން ޝަކުވާކުރެއެވެ. އަދި ވަޓްސްއެޕް މެދުވެރިކޮށް ގުޅުމުން ދެނީ ވަރަށް ނުސާފު، އެއްވެސް މައުލޫމާތެއް ނުލިބޭ ފަދަ ޖަވާބުތަކެއް ކަމުގައިވެސް ދަރިވަރުން ބުނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ހައްލެއް ހޯދުމަށް އޮތް އުންމީދު ދަނީ ކުޑަވަމުންނެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ޓިކެޓް ފައިސާއާއި އެހެނިހެން ޚަރަދުތަކަށް ކުދިން ކުރާ ޚަރަދުތަކުގެ ބަދަލު ހޯދުމަށް ހުށަހަޅާތާ އެތައް މަހެއް ވާއިރު ވެސް، އެ ފައިސާ ކުދިންގެ އެކައުންޓްތަކަށް ޖަމާނުވެ އެވެ. މިކަމުގެ ސަބަބުން، ކުރިއަށް ދިއުމަށް ބޭނުންވާ މާލީ ވަސީލަތްތައް ނުލިބި، ދަރިވަރުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެ އެވެ. އެއްވެސް ވަރަކަށް އާމްދަނީއެއް ނުލިބި، ސަރުކާރުން ދޭނެކަމަށް ބުނެފައިވާ ފައިސާއަށް އެކަނި ބަރޯސާވެގެން ކިޔަވަން ދަތުރުކުރާ ކުދިންނަށް މިކަމުގެ ސަބަބުން ކުރާ އަސަރު އިންތިހާއަށް ބޮޑުވެއެވެ.

ގިނަ އަދަދެއްގެ ދަރިވަރުންނަށް ލިބެންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހުގެ މުއްދަތެއް ވެފައިވުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ކިޔެވުމުގައި އެކަނިވެގެން ދިރިއުޅޭ ދަރިވަރުންނަށް، ދިރިއުޅުމުގެ އެކި ޚަރަދުތައް ކުރުމަށް ސްޓައިޕެންޑަކީ ވަރަށް މުހިންމު ފައިސާއެކެވެ. މި ފައިސާ ނުލިބި ލަސްވުމަކީ، ދަރިވަރުންގެ ނަފްސާނީ ހާލަތަށްވެސް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ.

ޙައްލު ނުލިބި ގިނަދުވަސްތަކެއް ވެފައިވާ މި މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އިބްރާހީމް މިހާރު ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދަށް ރިޕޯޓެއް ފޮނުއްވައިފަ އެވެ. މިކަމުން ދައްކުވައި ދެނީ، މި މައްސަލަ ހައްލު ކުރުމަށް ސިޔާސީ ފަރާތްތަކުގެ ސަމާލުކަންވެސް މިހާރު ލިބެން ފަށާފައިވާކަމެވެ. ފަހަރެއްގައި މި ދަރިވަރުން ތަހައްމަލު ކުރަމުންދާ އުނދަގޫތަކުގެ ސަބަބުން، އެ ކުދިންގެ ކިޔެވުމަށްވެސް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

އެހެންކަމުން، ކުދިންގެ މި ތަކުލީފްތަކަށް ޙައްލެއްހޯދައިދިނުމަކީ، ޤައުމުގެ ފަހި މުސްތަޤުބަލަކަށްޓަކައި އަވަސް ކަމެއްގެ ގޮތުގައި ކުރަން ޖެހޭ މުހިންމު ކަމެކެވެ. ދަރިވަރުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދީ، ހަމަޖެހިގެން ކިޔެވުން ކުރިއަށް ގެންދެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާނެކަމަށް އުންމީދުކުރަމެވެ.

ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދީ، ހަމަޖެހިގެން ތަޢުލީމު ޙާޞިލު ކުރެވޭނެ މާޙައުލެއް ޤާއިމު ކުރުމަށްޓަކައި، މި ކަމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދު ކުރަމެވެ.