Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

'އެވެންޖާސް؛ ޑޫމްސްޑޭ' ގެ ޓީޒާއެއް އާންމުކޮށްފި

އަންނަ އަހަރުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މާވެލް ސްޓޫޑިއޯގެ "އެވެންޖާސް" ޑޫމްސްޑޭ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ މަގުބޫލު ސުޕަހީރޯ ފިލްމު ސީރީޒް "އެވެންޖާސް" ގެ 5 ވަނަ ބައެވެ. "އެވެންޖާސް" ގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2019 ގެ "އެވެންޖާސް: އެންޑްގޭމް" ވެސް ޑައިރެކްޓްކުރި އެންތަނީ އާއި ޖޯ ރުސޯ ގެނެސްދޭ "އެވެންޖާސް: ޑޫމްސްޑޭ" ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޑިސެންބަރު 18 ގަ އެވެ.

މި ފިލްމުން ވެސް ކުރީގެ ބައިތަކުން ފެނިފައިވާ ގިނަ ތަރިންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި އެ ލިސްޓް ގިނަ ތަރިންތަކެއް ހިމެނެ އެވެ. އެގޮތުން "އެވެންޖާސް: ޑޫމްސްޑޭ" ގެ ކާސްޓްގައި ކްރިސް ހެމްސްވޯތު، ވަނެސާ ކާބީ، އެންތަނީ މެކީ، ސެބަސްޓިއަން ސްޓަން، ލެޓިޓިއާ ރައިޓް، ޕޯލް ރަޑް، ވިއަޓް ރަސަލް، ސިމު ލިއު، ފްލޮރެންސް ޕޫ، ޑޭވިޑް ހާބާ، ޓޮމް ހިޑެލްސްޓަން، ޖޯސެފް ކްއިން، އިޔާންސް މެކެލެން ޗާނިން ޓޭޓަމް، ޕެޑްރޯ ޕާސްކަލް އަދި ރޮބަޓް ޑައުނީ ޖޫނިއާ ހިމެނެ އެވެ.

އެންމެ ފަހުން ގެނެސްދިން "އެވެންޖާސް: އެންޑްގޭމް" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ރެކޯޑް އޮތް ފިލްމެވެ. ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން އެ ފިލްމުގެ އާމްދަނީ އަކީ 2.799 ބިލިއަން ޑޮލަރެވެ.