Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ވަގަށް ސިނގިރޭޓް ވިޔަފާރިކުރި ބިދޭސީއަކު ހައްޔަަރަށް

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން ފުލުހުން ކުރަމުންދާ މަސައްކަތުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝުކޫރު ޢަލީ (44އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހުގެރޭ ހުޅުމާލޭ ގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސިންނާއި އެމީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގަ އެވެ.

މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެ އެވެ. އަދި އޭނާ އުޅެމުންދާ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.