އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ ބަލަން އެއްވެސް ދިރާސާއެއްކޮށްފައި ނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ރާއްޖޭގައި އޮންނަން ފެނޭތޯ އަހާފައި ނުވާނެ ކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތައް ބިނާކުރެވި ހިނގަމުން ދާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މިގޮތުން އެފަދަ ހާލަތާއި ޚިލާފުވާ އެއްވެސް ކަމެއް ހުއްދަ ކުރުމަށް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ލިބޭނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެޗްއާރްސީއެމްއިން ބުނީ އެ ކޮމިޝަނުގެ މަސައްކަތްތައް އަބަދުވެސް ހިންގަމުން ގެންދާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީ އާއ،ި ޤާނޫނުތަކާއ،ި ރާއްޖެއިން ސޮއިކޮށް އަމަލުކުރުމަށް ދިވެހި ދައުލަތުން އެއްބަސްވެ ޤަރާރުވެފައިވާ މުޢާހަދާތަކުގެ އިމުގެ ތެރޭގައި ކަމަށެވެ. އަދި ހުރިހައި ވަގުތަކު ހުރިހައި ކަމެއްގައިވެސް އިސްކުރާނީ އިސްލާމީ ޝަރީޢަތާއި އިސްލާމްދީނުގެ ހަމަތަކާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ މަސްލަޙަތުތައް ކަމަށްވެސް ވަނީ ބުނެފަ އެވެ.