Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ތަރިކައިގެ ދާއިރާ ކޯސް އަންނަ މަހު ފަށަނީ

ތަރިކައިގެ ދާއިރާއިން މަތީ ތަޢުލީމަށް ސްކޮލަޝިޕް ލިބުނު މީހުންގެ ކިޔެވުން އަންނަ މަހު ފަށަން ނިންމައިފި އެވެ.

އެ ދާއިރާއިން 40 ސްކޮލަޝިޕް ދީފައިވެ އެވެ.

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުއާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ އެ ކޯސްތަކުގެ ކިޔެވުން އަންނަ މަހުގެ ތެރޭގައި އިސްލާމީ ޔުނިވަސިޓީގައި ފަށާނެ ކަމަށެވެ.

"ސިގްނޭޗަ ރިސަރާ ސްކޮލަރޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަޝިޕް ސްކީމަކީ އިސްލާމީ ޔުނިވަސިޓީގެ މާސްޓަރސް ޑިގްރީއެއް ހާސިލު ކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަކުރާ ދިރާސީ މަސައްކަތްކުރުމުގެ ފުރުސަތެކެވެ.

މީގެ މަގުސަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމެވެ.

ސްކޮލަޝިޕްގައި ފުރިހަމަކުރަން ޖެހޭނީ އިސްލާމީ ޔުނިވަސިޓީން ކުރިއަށްގެންދާ މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގްރާމެވެ. ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރެވެ. ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި މަސައްކަތް ކުރަން ޖެހެ އެވެ.

ތަރިކަ ދިރާސާކުރާ މަރުކަޒުން ބުނީ މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ދަސްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މި ސްކޮލަޝިޕް ލިބުނު ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ލިބޭނެ އެއެވެ.

ސްކޮލަރޝިޕްގެ ފީ ދައްކައި ދޭނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.