ޝޫޓިން ފަށަން 10 ދުވަހަށްވެފައި ވަނިކޮށް، އެގްރިމަންޓާ ވެސް ހިލާފަށް އަކްޝޭ ކަންނާ ފިލްމު ވަކިވެފައިވާތީ އޭނަ އަށް ދައުވާ ކުރާނެ ކަމަށް "ޑްރިޝަމް 3" ގެ ޕްރޮޑިއުސަރު ކުމާރު މަންގަތު ޕަތަކް ބުނެފި އެވެ.
މި ފިލްމަކީ އޭނަގެ ދަރިފުޅު އަބީޝެކް ޕަތަކް ޑައިރެކްޓްކުރާ ފިލްމެކެވެ. އަޖޭ ދޭވްގަން ލީޑް ރޯލު ކުޅެމުން އަންނަ މި ކާމިޔާބު ކްރައިމް ތުރިލާ ފްރެންޗައިޒްގެ ދެވަނަ ބައި 2022 ގައި ގެނެސްދިން އިރު އޭގެ ރޯލެއް ވެސް އަކްޝޭ ކުޅުނެވެ. އެގޮތުން "ޑްރިޝަމް 3" ގައި ވެސް އޭނަ ކުޅެން އޮތީ ދެވަނަ ބައިގައި ކުޅުނު އިންސްޕެކްޓާ ޖެނެރަލް ތަރޫން އަހުލުވާތުގެ ރޯލެވެ.
ނަމަވެސް އަކްޝޭ ވަނީ ފިލްމުން 21 ކްރޯޑް ރުޕީސް (2.3 މިލިއަން ޑޮލަރު) ޑިމާންޑްކޮށް، އެ ވަރުގެ ފީއެއް ދޭން ފިލްމުގެ ޓީމުން ދެކޮޅު ހެދުމުން ފިލްމު ދޫކޮށްލައިފަ އެވެ.
މިކަމާ ގުޅިގެން "ރަތަށް އަރާފައި" ހުރި ޕްރޮޑިއުސަރު ކުމާރު ބުނީ "ދުރަންދަރު" ގައި ކުޅުނު ރޯލުން ލިބުނު ބޮޑު މަޝްހޫރުކަމާ ގުޅިގެން އަކްޝޭ އަށް މިހާރު އޭނަގެ ފެންވަރު އޮޅިފައިވާ ކަމަށެވެ. އޭނަ ބުނީ "ޑްރިޝަމް 3" އިން 50 އަހަރުގެ އެކްޓަރު ވަކިވީ އެގްރިމަންޓާ ވެސް ހިލާފަށް ކަމަށެވެ. އެހެންވެ އޭނަ އަށް ދައުވާ ކުރަން ނިންމައި، އެކަމުގެ ނޯޓިން ވެސް ދީފައިވާނެ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.
އަކްޝޭ އަށް ވަރަށް ބޮޑަށް ފާޑު ކިޔައި ބޮލީވުުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކުމާރު ބުނީ ފީ ބޮޑުކުރުމުގެ އިތުރަށް ފިލްމުގެ ކެރެކްޓާ އަށް ވިގެއް ވެސް އޭނަ ޑިމާންޑްކުރި ކަމަށެވެ.
"ދެވަނަ ބައިގައި އޭނަ ކުޅުނު ކެރެކްޓާ އަކީ ވެސް ތަލަކޮށް ފެންނަ ކެރެކްޓާއެއް. ދެން ތިނެއްގައި އޭނަ ވިގެއް ޖަހަން ބޭނުންވުމަކީ ވަރަށް ވެސް ތާކުންތާކު ނުޖެހޭ ކަމެއް،" ކުމާރު ބުންޏެވެ. "އަސްލުވެގެން އުޅޭ ގޮތަކީ ދުރަންދަރު އިން ލިބުނު މަޝްހޫރުކަމާ އެކީ އަކްޝޭ އަށް އޭނަގެ ފެންވަރު އޮޅުން. އޭނަ ދެކެނީ މިހާރު އެއީ ވަރަށް ވަރުގަދަ ސުޕަސްޓާރޭކެ. ކާމިޔާބީ މާ ބޮޑަށް ބޮލަށް ވަނީމަ އޭނަ އުޅެނީ ތިމާ ވަރުގެ މީހަކު ނެތިގެން."
ޕްރޮޑިއުސަރު ބުނީ އަކްޝޭގެ ބަދަލުގައި މިހާރު "ޑްރިޝަމް 3" އަށް ނަގާފައިވާ އެކްޓަރު ޖައިދީޕް އަހުލުވާތަކީ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަ އެކްޓަރެއް ކަމަށެވެ.
"އަކްޝޭ އަށް ވުރެ މާ މޮޅު އެކްޓަރު ޖައިދީޕަކީ. ވަރަށް އުފާ ވެސް ކުރަން އޭނަ ފިލްމަށް ގެނެވުނީތީ." ކުމާރު ބުންޏެވެ.
އަޖޭގެ އިތުރުް ތައްބޫ ވެސް މުހިއްމު ރޯލެއް ކުޅެމުން އަންނަ "ޑްރިޝަމް" ގެ ތިން ވަނަ ބައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.