ފަލަސްތީނަށް އެހިވާން އިޓަލީގެ ބަޔަކު އެއްކުރި ފައިސާތަކެއް، ހަމާސް ޖަމާއަތަށް އެހީވާން ފައިސާ އެއްކުރި ކަމަށް ބުނެ އެ މައްސަލައިގައި އިޓަލީން 9 މީހަކު ހައްޔަރުކޮށްފި އެވެ.
ހަމާސް އަކީ ޔޫރަޕިއަން ޔުނިއަން އީޔޫ) އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލިސްޓްކޮށްފައި އޮން ބައެކެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ގާޒާގެ އާންމު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ ނަމުގައި ހިންގި ފަންޑް ރެއިޒިންގެ ތެރެއިން 7 މިލިއަން ޔޫރޯ (8.2 މިލިއަން ޑޮލަރު) ހޯދާފައިވާ ކަމަށެވެ. އަދި އެ ފައިސާ އެ މީހުން ފޯރުކޮޮށް ދެމުން ގޮސްފައި ވަނީ "ޓެރަރިސްޓް ހަރަކާތްތައް" ހިންގަން ހަމާސް ޖަމާއަތަށް ކަމަށް ބުންޏެވެ.

އެގޮތުން ފަންޑް އެއްކުރި މީހުން، ހަމާސް އަށް އެހީ ފޯރުކޮށް ދީފައިވާކަން އެ މީހުން ހަދާފައިވާ ޓްރާންސެކްޝަންތަކުން ވެސް އެނގޭ ކަމަށާއިި އެހީގެ 71 ޕަސެންޓް ފޯރުކޮށް ދީފައި ވަނީ ވެސް ހަމާސް އަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އިޓަލީގައި ބަޔަކު މި ފަންޑް ރެއިޒިން ހަރަކާތް ފެށީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަަށް އޮކްޓޯބަރު 7، 2023 ގައި ހަނގުރާމަ ފެށި ފަހުންނެވެ.
އަދި ފަންޑް އެއްކުރުމުގެ މަސައްކަތުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ އިޓަލީގެ ޖެނޯއާ ސިޓީ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މީހުންނާ ގުޅިފައި ހުރި ބްރާންޗްތައް މިލާންގައި ވެސް ހިންގަމުން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމާސް އަށް އެހީވަމުން ދިޔަކަމުގެ ތުހުމަތުގައި އިޓަލީން ހައްޔަރުކުރި މީހުންގެ ތެރޭގައި އިސްކޮށް ހުރީ މުހައްމަދު ހަނޫން ކިޔާ މީހެކެވެ. އިޓަލީގެ އިންޓީރިއާ މިނިސްޓަރު މަޓިއޯ ޕިއަންޓެޑޯޒީ ވިދާޅުވީ އޭނަ އަކީ އިޓަލީގައި ހަރަކާތްތެރިވަމުން އަންނަ ޕަލަސްޓީން އެސޯސިއޭޝަންގެ ރައީސް ކަމަށެވެ.