މިނިވަން 50 ޗެމްޕިއަންޝިޕްގެ ފަހު ބުރުގެ އެންމެ ފަހު މެޗްގައި ގދ. ފަރެސް މާތޮޑާ އާއި ލ. ގަން ބައްދަލު ކުރި މެޗް ފަހަތުން އަރައި 2 ލަނޑު ޖަހައިގެން ގދ. ފަރެސް މާތޮޑާ 2 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފިއެވެ.
މެޗް ފެށުނުތަނާ ހެން ލ. ގަމުން ލަނޑެއް ޖަހާ ލީޑް ނަގާފައި ވަނިކޮށް ފުރަތަމަ ހާފް ނުނިމެނީސް ގދ. ފަރެސް މާތޮޑާއިން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ދެ ޓީމުންވެސް އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަ މެޗްގައި ފަރެސް މާތޮޑާއިން 2 ވަނަ ލަނޑު ޖަހައި ލީޑް ނެގީ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް މުހައްމަދު ސައީދު (ލޮޖާ)އެވެ.

ލޮޖާގެ ލަނޑަށް ފަހުވެސް ފަރެސް މާތޮޑާއަށް ލީޑް ފުޅާ ކުރުމަށް ގިނަ ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި މުބާރާތުގައި ހދ. ކުޅުދުއްފުށީގައި މިއަދު ށ. ފޯކައިދޫ އާއި ބ. އޭދަފުށި ބައްދަލު ކުރި މެޗް 3-0 ލަނޑުން މޮޅުވެ އެ ގްރޫޕުން ސެމީގެ ފުރަތަމަ ޓީމަކަށް ހޮވުނީ ބ. އޭދަފުށީ ޓީމެވެ. 2 ވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދިޔައީ މިއަދު ބަލިވި ށ. ފޯކައިދޫ ޓީމެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗާއި ފައިނަލް އަދި ތިންވަނަ ހޮވާ މެޗް ކުޅޭނޭ އައްޑޫ ސްޓޭޑިއަމްގައެވެ.
ސެމީގެ ފުރަތަމަ މެޗްގައި މިމަހުގެ 22 ވަނަ ދުވަހު ބައްދަލު ކުރާނީ ސ. ފޭދޫ އާއި ށ. ފޯކައިދޫއެވެ. ސެމީގެ ދެވަނަ މެޗް 23 ވަނަ ދުވަހ ކުޅޭ އިރު އެމެޗްގައި ބައްދަލު ކުރާނީ ގދ. ފަރެސް މާތޮޑާ އާއި ބ. އޭދަފުށިއެވެ.
ފައިނަލް މެޗް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. ސެމީ ފައިނަލް ދެ މެޗް އާއި ތިންވަނަ ހޮވާ މެޗް އަދި ފައިނަލް މެޗް ޓީވީއެމްއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.