ރ. އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް ބަގީއެއް ދޭން އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
އަތޮޅު ކައުންސިލުން އެގޮތަށް ނިންމީ މި މަހުގެ 18 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ އަތޮޅު ކައުންސިލް މެމްބަރު އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒުމީނެވެ.
އޭނާގެ ހުށަހެޅުމުގައި ބުނެފައި ވަނީ ކޮންމެ ކައުންސިލަކަށް 10 ޝީޓްގެ ބަގީއެއް ދިނުމަށެވެ. އެގޮތުން ރ. އަތޮޅު ކައުންސިލް އިދާރާ ހިމެނޭހެން އެ އަތޮޅުގެ ކޮންމެ ރަށަކަށް ބަގީ ގަންނަން 150،000ރ. ގެ ކޮންޑިޝަނަލް ގްރާންޓެއް ދިނުމަށް ހުށަހަޅާފައިވެ އެވެ.
ބަގީ ގަތުމަށް ބޭނުންވާ ފައިސާ މި މަހުގެ 31 ގެ ކުރިން ހުރިހާ ކައުންސިލްތަކެއްގެ އެކައުންޓަށް ޖަމާ ކުރުމަށް ވެސް ނިންމާފައިވެ އެވެ.
ބަގީ އަކީ މިހާރު މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެގޮތުން ހާއްސަކޮށް ގެސްޓްހައުސް ވިޔަފާރި ފުޅާކޮށް ހިންގަމުން އަންނަ ބައެއް ރަށްރަށުގައި ބަގީ ބޭނުން ކުރެ އެވެ.