Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

ރަންވީރުގެ 'ޕްރަލޭ' ގެ ބަތަލާއަކަށް އާލިއާ

އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ފަށަން ހަމަޖެހިފައިވާ ރަންވީރު ސިންގްގެ ޒޮމްބީ ފިލްމު "ޕްރަލޭ" ގެ ބަތަލާއަކަށް އާލިއާ ގެންނަން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ބަތަލާގެ މި ރޯލަކީ ވަރަށް ވަރުގަދަ ރޯލެއް ކަމަށާއި އެ ރޯލަށް ބޭނުން ވަނީ އާލިއާ ކަހަލަ މޮޅު ބަތަލާއެއް ކަމަށެވެ. އެހެންވެ އޭނަ "ޕްރަލޭ" އަށް އޭނަ ގެންނަން އޭގެ ޓީމުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ މީޑިއާތަކުން މިއަދު ބުނެފައިވެ އެވެ.

އެކަމަކު އާލިއާ އަށް އަދި ފިލްމު ހުށަހެޅިކަން ކަށަވަރު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

މަޝްހޫރު ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ "ޕްރަލޭ" ގެ ޝޫޓިން ފަށަން ޕްލޭން ކުރަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި ފިލްމަށް ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ އާލިއާ ނަގައިފި ނަމަ، މި ވާނީ ރަންވީރާ އެކު އޭނަ ކުޅޭ ތިން ވަނަ ފިލްމަށެވެ.

މި ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރް 2023 ގައި ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. ރަންވީރާއި އާލިއާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ގަލީ ބޯއި" އެވެ.