Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ތި ހުރީ މަރަށް ތައްޔާރުވެގެންތަ؟

ލޮބުވެތި އަޚުންނޭވެ! ލޮބުވެތި އުޚްތުންނޭވެ! ސުވަރުގޭގެ ވާހަކަތައް އަހަރެމެން އަޑުއަހަމެވެ. ސުވަރުގޭގެ ބަގީޗާތަކުގެ ވާހަކައެވެ. އެތާގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެއެވެ. ﷲ އަށް ކިޔަމަންތެރިވި ޞާލިޙު އަޅުންނަށް އެތާނގައި ތައްޔާރުވެގެންވާ ނިޢުމަތްތަކެވެ. ހަމަ އެއާއެކު ނަރަކައިގެ ވާހަކަ ވެސް އަހަރެމެން އަޑު އަހަމެވެ. އެތާނގެ ހޫނާއި ޢަޛާބެވެ. އެތާނގެ ފާރަވެރިން ކަމުގައި ﷲ ލައްވާފައިވާ ގަދަފަދަ މަލާއިކަތުންނެވެ. އެ ނަރަކައިގެ އަނދިރިކަމާއި އެތަނަށް އަޅާލެވޭ މީހުންނަށް ދެވޭނެ ޢަޛާބެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވަރުގެއާއި ނަރަކައިގެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އުނދަގޫ ވެގެން ވަނީ ޢަމަލު ކުރުމެވެ. ސުވަރުގެ ޙާޞިލު ކުރުމަށް ކުރަންޖެހޭ ޞާލިޙު ހެޔޮ ޢަމަލު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެ ސުވަރުގެ ވަށާލެވިފައިވަނީ ހިތް ނޭދޭ ކަންތައްތަކެވެ. އަޅުކަންކޮށް ކިޔަމަންތެރިކަން ޙައްޤުގޮތުގައި އަދާ ކުރުމަކީ ހިތާއި ނަފުސު އެކަމާއި ދެކޮޅުވެރިވާ ކަމެކެވެ. އަދި ހަމައެފަދައިން، ނަރަކައިން މިންޖުވާނޭ ޢަމަލުތައް ކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ ނަރަކަ ވަށާލެވިފައިވަނީ ހިތްއެދޭ ކަންތައްތަކުންނެވެ. ހަވާ ނަފްސަށް ތަބާނުވެ އެފާފަތަކުން ރައްކާތެރިވެ ހުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އުނދަގޫ ކަމެކެވެ.

ވިސްނާލާށެވެ! ރޭގަޑުގެ ފޮނި ނިދި ދޫކޮށް ފަތިސްނަމާދަށް ހޭލައިގެން ދިޔުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ފަރުޟު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ކުރުމަކީ އުނދަގޫ ކަމެކެވެ. ﷲ އެކަން ފަސޭހަ ކޮށްދެއްވައިފި އަޅަކަށް މެނުވީއެވެ. ފަހެ މިފަދަ އަޅާއަށް އެއީ ވަރަށް ފަސޭހަ ކަމެކެވެ. އޭނާގެ ހިތުގެ ހިތްހަމަޖެހުން ވާނީ ނަމާދުގައެވެ. ﷲ ހަނދުމަ ކުރުމުގަ އެވެ. ﷲ ހަނދުމަކުރާ މީހާ، އެއިލާހު ހަދުމަކުރައްވާނެކަން އޭނާ ޔަޤީން ކުރެ އެވެ.

ހަމަ އެގޮތަށް ހިލޭއަންހެނުންނަށް ބަލައި، އެބައިމީހުންނާ އެކީ މަޖާކޮށް ލަވަކިޔައި، އެމީހުންނާ އަތާ އަތް ޖޯޑުކޮށް ސަލާމްކޮށް ހަދަން ހަވާ ނަފްސު އަބަދުވެސް ގޮވައިލާނެއެވެ. ހަވާނަފްސުގެ މި އެދުންތަކަށް ފުރަގަސް ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ﷲ އެކަން ފަސޭހަކޮށް ދެއްވައިފި އަޅަކަށް މެނުވީ އެވެ. މިފަދަ އަޅާ، މި ކަންތައްތަކާ ދިމާވާ ހިނދު، މިއީ އޭނާގެ ވެރި އިލާހު މަނާ ކުރައްވާފައިވާ ކަމެއްކަން ދަނެ، އެކަމާއި ދުރުހެލި ވެއެވެ. ﷲ އަށް ބިރުވެތިވެ، ފާފައަކަށް އަރައިގަތުމުން ދުރުހެލިވާ މީހާގެ ހިތުގައި ﷲ އީމާންކަމެއް ލައްވާކަން އޭނާ ހިތުގެ އަޑިން ޤަބޫލު ކުރެއެވެ. އަދި އެ އީމާން ކަމުގެ ސަބަބުން އޭނާގެ ހިތަށް އީމާންކަމުގެ ފޮނި މީރުކަން އިޙްސާސްވެގެން ދާނެކަން އޭނާ ދަނެ އެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހަމަ ޔަޤީނުންވެސް މަރަކީ ކުރިމަތިވާނޭ އެއްޗެކެވެ. އެ މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ވީއިރު، އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާށެވެ!

މިހާރު މަރުވެއްޖެ ނަމަ އަހަރެން ވެގެން ދާނީ ސުވަރުގެވަންތަވެރިއަކަށް ހެއްޔެވެ؟ ނުވަތަ ނަރަކަވަންތަވެރިއަކަށް ހެއްޔެވެ؟

މަސްދަރު: ނޫރުލްއިސްލާމް