ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅެން ބޭނުންފުޅުވަނީ ރަސްކަލަކު އުޅޭ ގޮތަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ގާނޫނީ ތަރަހައިގެ ތެރޭގައި ހިނގަން ރައީސް މުއިއްޒު ފަރިތަފުޅު ނުވާނެ ކަމަށާއި އެމަނިކުފާނު އުޅުއްވަން ބޭނުންފުޅުވަނީ ރަސްކަލަކު އުޅުއްވާ ގޮތަށް ކަމަށެވެ.
"ރަސްކަލަކު ބަސްފުޅު އިއުލާންކުރައްވާފައި ކަންކަން ކުރީމަ ނިމުނީ. ހަމަ ވަޒީފާތައް ވެސް މިދެނީ އެގޮތަށް. ރަސްކަލަކު މިވެނި މީހަކަށް މިވެނި ކަމެއް ދޭށޭ ބުނީމަ އެކަން ނިމުނީ. ކޮންމެހެން މީހާގެ ފެންވަރެއް، މީހާގެ ގާބިލުކަމެއް، ތަޖުރިބާއެއް، ތައުލީމެއް ބަލާކަށް ނުޖެހޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އަދި ޕީއެންސީގެ އިސް ފަރާތްތަކުގެ ގޮތުގައި ޖާހިލުން ނޫން ބަޔަކު ނެތް ކަމަށާއި ޕީއެންސީ އަކީ ޑިމޮކްރެސީގެ އުސޫލުން ހޮވޭ މީހަކަށް ވެސް ޖާގަދޭނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ޕްރައިމަރީން ވެސް ބައެއް ފަރާތްތަކަށް ޖާގަ ނުދެނީ އެމީހުން ކޮންޓްރޯލް ނުކުރެވޭނެތީ ކަމަށާއި އެއަށް ވުރެ އިހަށް ދުވަހު އެމްޑީޕީ ދޫކޮށް އަންނަ މީހާވެސް ޕީއެންސީއަށް މާ ރަނގަޅު ވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބައެއް މީހުންނަށް ނުދިން ކަމަށް ބުނާ ޝަކުވާތަކެއް މި ފަހަރު ވެސް ވަނީ ފެންމަތިވެފަ އެވެ. މިއީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީއެންސީގެ ޕްރައިމަރީގައި ވެސް ނުކުތް މައްސަލައެކެވެ.