ފުލުހުންތަކަކަށް އިންޒާރުދީ ފުލުހެއްގެ ކަރުގައި ހިފި މީހަކު ހައްޔަރުކޮށްފި އެވެ.
އެގޮތުން ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ މައްސަލައިގައި ހައްޔަރުކުރީ އަލީ ޝަހީމް ކިޔާ މީހެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ބަންދު އަމުރގައިވާ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓަށް ބަލާއިރު ޝަހީމް ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އިންޒާރުދީ ފުލުހެއްގެ ކަރުގައި ހިފާފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެކަމުގެ ހެކި ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ.
ޝަހީމު ބަންދުކުރީ މުޖުތަމައުގެ ސުލްހަ މަސަލަސްކަން ބަލަހައްޓަން ތިބޭ ފުލުހުންނާ ކުރިމަތިލައި އެ މީހުންނަށް އިންޒާރުދީ މާރާމާރީ ހިންގުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ އާންމު މަސްލަހަތު އެކަމުގައި ގެއްލޭނެ ކަމަކަށްވާތީ ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.
ޝަހީމަކީ ކުރިން ތަފާތު އެކި ކުށްތަކުގައި ހައްޔަރާއި ބަންދު ރެކޯޑް ވެސް އޮތް މީހެކެވެ.