Last Updated: July 12, 14:13
Sunday, July 12, 2026
މުނިފޫހިފިލުވުން

ދަރިފުޅާ އެކު އަނިލްގެ އިތުރު ފިލްމެއް

ބޮލީވުޑްގެ ޑައިރެކްޓަރު އަނިލް ޝަރުމާ އަނެއްކާ ވެސް އޭނަގެ ދަރިފުޅު އުތުކާޝް ޝަރުމާ ލީޑަށް ލައިގެން ފިލްމެއް ހަދަން ނިންމައިފި އެވެ.

މި ދެބަފައިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު ފެމިލީ ޑްރާމާ "ވަންވާސް" އެވެ.

މީޑިއާތަކުން ބުނީ އުތުކާޝް، 31، އާ އެކު އަނިލް ހަދަން ނިންމާފައިވާ އާ ފިލްމަކީ "އަރުޖުން ނާގާ" ކިޔާ އެކްޝަން ތުރިލާއެއް ކަަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ އެ ފިލްމުގެ އިތުރު ކާސްޓުން ހަމަޖައްސަމުން އަންނަ އިރު، އެކަން ފައިނަލްވުމާ އެކު، ފިލްކު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ލީޑް އެކްޓަރެއްގެ ގޮތުގައި އުތުކާޝް ތައާރަފުކުރީ އަނިލް 2018 ގައި ގެނެސްދިން ރޮމޭންޓިކް ސައިކޮލޮޖިކަލް ތުރިލާ "ޖީނިއަސް" އިންނެވެ. އޭގެ ކުރިން ޗައިލްޑް އެކްޓަރެއްގެ ގޮތުގައި ބައްޕަގެ 2001 ގެ ބޮޑު ހިޓް "ގަދަރު: އޭކް ޕްރޭމް ކަތާ" ގެ ރޯލެއް އުތުކާޝް ކުޅުނެވެ. އޭގައި އޭނަ ކުޅުނީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލްގެ ދަރިފުޅުގެ ރޯލެވެ.

އަދި ހަމަ އެ ރޯލު 2023 ގެ "ގަދަރު 2" ގައި ވެސް އުތުކާޝް ކުޅުނެވެ.

އަނިލް އަކީ ސަނީގެ "ގަދަރު" ގެ ދެ ބައިގެ އިިތުރުން އޭނަގެ ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލްގެ 2007 ގެ "އަޕްނޭ' ގެ ވެސް ޑައިރެކްޓަރެވެ.