Last Updated: June 5, 06:04
Friday, June 5, 2026
ރިޕޯޓް

އައްޑޫ؛ އެންމެ ދެކުނަށް އިރު އޮއްސޭ މަންޒިލް

ދުނިޔޭގެ އެކި މަންޒިލްތަކުގެ މެދުގައި ހުރި ތަފާތު ސިފަތައް ފާހަގަކޮށް، އެއް މަންޒިލަކަށްވުރެ އަނެއް މަންޒިލްގެ މޮޅުކަން ދައްކުވައިދިނުމަށް ގިނަ ވާދަވެރި މަސައްކަތްތަކެއް ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، އައްޑު އަށް އެކަށީގެންވާ ޚާއްސަ ސިފަތަކެއް ހޯދުމަށް މާ ބޮޑެތި މަސައްކަތްތަކެއް ކުރާކަށް ނުޖެހެ އެވެ. މިކަމުގެ އަސާސަކީ، އެ އަތޮޅުގެ ޖުޣުރާފީގެ ސާބިތުކަމެވެ. އެއީ އެއްވެސް ޝައްކެއް ނެތި އެންމެންނަށް ގަބޫލު ކުރެވޭނެ ހަޤީގަތެކެވެ. ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުކަމުގެ އިތުރުން، އައްޑު އަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ ވެސް އެންމެ ދެކުނުގެ ނުކުތާ އެވެ. މި ހަޤީގަތާއެކު، އައްޑު އަށް ލިބިފައި ވަނީ ފުން މާނައެއް އެކުލެވޭ އިތުރު ސިފައެކެވެ. އެއީ 'މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ދެކުނުން އިރު އޮއްސޭ ތަން' މި މާނަ އެވެ.

މިއީ ސާދާކަމާ އެކު ފުން އަދި މުހިންމު މާނައެއް ދޭހަކޮށްދޭ ޙަޤީގަތެކެވެ.

"އައްޑޫ؛ ދެކުނު އޭޝިއާގެ އެންމެ ދެކުނަށް އިރު އޮއްސޭ ތަން" މި ޝިއާރަކީ ހަމައެކަނި މާކެޓިން ލައިނެއް ނޫނެވެ. އެއީ ތަނެއްގެ މަޤާމާއި، އައިޑެންޓިޓީ ބަޔާންކޮށްދޭ ހެކި ބަހެކެވެ. ޖިއޮގްރަފީގެ ރީތިކަން ޅެންވެރިކަމަށް ބަދަލުވެފައިވާ މި ބަޔާނުގައި، ކޮންމެ ހަވީރެއްގައި އިރު ހުޅަނގަށް ލެނބި އިންޑިއާ ކަނޑަށް ފައިބަމުންދާއިރު، ދެކުނު އޭޝިއާގެ ދުވާލުގެ އަލިކަމުގެ އެންމެ ފަހުގެ ރަން ބައްދާލުމުގެ ނަސީބު ލިބެނީ އައްޑުއަށެވެ.

މި ބޮޑު ސަރަޙައްދުގައި ހިމެނޭ އެހެން އެއްވެސް ރަށަކަށް ނުވަތަ ސިޓީއަކަށް މި ދަޢުވާ ކުރެވޭނެ ކަމަކަށް ނުފެނެ އެވެ. އެހެންކަމުން، 'ބިޔޮންޑް ދަ އިކުއޭޓަރ' މި މާކެޓިން ލައިނަށްވުރެ 'އައްޑޫ؛ ވެއާ ދަ ސަދަންމޯސްޓް ސަން ސެޓްސް' މި މާކެޓިން ލައިން އައްޑު އަށް މާ ޚާއްސަވެފައި، އަދި މިއީ މާ ބާރުގަދަ ޓެގް ލައިނެއް ކަމަށް އަޅުގަނޑަށް ފެނެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ޓޫރިޒަމް މާނަ ކުރެވެނީ ގާތްގަނޑަކަށް ހަމައެކަނި ލަގްޒަރީ ރިސޯޓްތަކާއި، ވޯޓާ ވިލާތަކާއި، ޕޯސްޓްކާޑް ތަސްވީރުތަކުންނެވެ. އޭގެ ސަބަބުން އައިލެންޑްތައް ބަދަލު ކުރެވޭ ގޮތް ދުނިޔޭގެ މީހުންނަށް ދަސްކުރެވުނެވެ. ރީތިކަން ސްޓޭންޑަޑައިޒް ކުރެވުނެވެ.

މިއާ ހިލާފަށް އައްޑޫ ހުށަހަޅަނީ މަދުން ނޫނީ ނުފެންނަ އަދި ފުން މާނަތަކެއް އެކުލެވިގެންވާ ކޮޕީ ނުކުރެވޭނެ ވާހަކައެކެވެ. އީކުއޭޓަރުގެ ދެކުނުގައި، ސަދަން ހެމިސްފިއާގައި އޮތުމާއި، ފުޅާ މަގުތަކާއި، ގަމުގައި ހުންނަ ދެވަނަ ބޮޑު ހަނގުރާމައިގެ އިނގިރޭސި ސިފައިންގެ މަރުކަޒާ އެކު ލިބިފައިވާ ތަފާތު ތާރީޚާ އެކު، އައްޑޫގެ ވަކި ސަގާފީ އައިޑެންޓިޓީ މިހާރު ވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކާ ތަފާތުކޮށްދެ އެވެ. އެގޮތުން އެންމެ ދެކުނަށް އިރު އޮއްސޭ ވަގުތު އައްޑޫގެ އުޑުމަތި ބަދަލުވެގެން ދަނީ އެއްވެސް އާކިޓެކްޓަކަށް ދުވަހަކު ވެސް ބިނާ ނުކުރެވޭނެ ގުދުރަތީ އާސާރީ ބިނާއަކަށެވެ.

ވަރުގަދަ ފަތުރުވެރިކަމުގެ ބްރޭންޑެއްގެ ބިންގާ އެޅެނީ ހަމައެކަނި ލަގްޒަރީ ރިޒޯޓުތަކުންނެއް ނޫނެވެ. އެއީ ވަކި އައިޑެންޓިޓީއަކުން ފެށިގެންދާ ކަމެކެވެ. އެއީ ޒިޔާރަތްކުރާ ފަރާތްތަކަށް ތިމާމެން ތިބީ ވަރަށް ޚާއްސަ، މުހިންމު ތަނެއްގައިކަން އިހުސާސްކޮށްދޭ އެއްޗެކެވެ. މިގޮތުން ބަލާއިރު، އައްޑު އަކީ ޖުޣުރާފީގެ ގޮތުން ޚާއްސަ އެޖެކެވެ. އަދި ސަގާފީގޮތުން ފުރިހަމަ ފްރޮންޓިއަރެކެވެ. ދުނިޔޭގެ މެދުގައި ބައްދަލުވާ މަންޒިލެކެވެ. އިންޑިއާ ކަނޑު އެންޓާކްޓިކާއާ ދިމާއަށް މެދުކެނޑުމެއް ނެތި ދިގުވެގެން ދިއުމުގެ ކުރިން އޮތް ރަށްތަކުގެ އެންމެ ފަހުގެ ސިލްސިލާ އަކީ އައްޑު އެވެ.

މިތަނުގައި އިރުއޮއްސުމަކީ ހަމައެކަނި ހިނގާދާ ކަމެއް ނޫނެވެ. އެއީ އޭޝިޔާގެ ދުވަސް ނިންމާލާ ފަހު ބާބެވެ. ފަތުރުވެރިކަމުގެ ނަޒަރަކުން ބަލާއިރު، މިފަދަ ޝިޢާރަކީ އެތައް ހާސް ވާހަކައަކަށް ދޮރުހުޅުވައިދޭ ޝިޢާރެކެވެ. ދެކުނު އޭޝިއާގެ އެންމެ ކޮޅު، އަލިކަމުން ފާހަގަކުރެވޭ މަންޒިލެވެ. އޭޝިޔާގެ އައްސޭރިފަށުން ފެންނަ އެންމެ ފަހުގެ އިރުއޮއްސުން ފެންނަނީ މި ތަނުންނެވެ. މިއީ ހަމައެކަނި އިކުއޭޓަރުގެ ދެކުނަށް ދިވެހިރާއްޖޭގައި އިރުއޮއްސޭ ތަނެއް ނޫނެވެ. އަދި ހަމައެކަނި ހިތްހަމަޖައްސާލަން އަންނަ މަންޒިލެއްވެސް ނޫނެވެ. އެކަމަކު މިއީ ތާރީޚީ ގިނަ ކަންކަން އެކުލެވޭ ތަނެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ މަންޒިލެކެވެ.

ފޮޓޯގްރާފަރުންނާއި، ޅެންވެރިންނާއި، ހަނީމޫން ދަތުރުކުރާ މީހުންނާއި، ތަފާތު ތަޖުރިބާތަކަށް ލޯބިކުރާ މީހުންނާއި، އަގުހުރި މާނަތަކެއް ހޯދާ މީހުންނަށް އައްޑޫއަކީ، ހަމައެކަނި ޖުޣުރާފީގެ ގޮތުން މުހިންމު ނުވަތަ ރީތި ތަނެއްގައި ހުއްޓުމަވުރެ، މާ ބޮޑު މުހިންމުކަމެއް ދޭ މަންޒިލެކެވެ. އެހެނީ، އެއީ ކޮންމެ ގޮތަކުންވެސް ޚާއްޞަ މަންޒިލެކެވެ.

އައްޑު އަކީ ދެކުނު އޭޝިއާގެ އެންމެ ދެކުނުން އިރުއޮއްސޭ ތަންކަމަށް ބްރޭންޑް ކުރުމަކީ، މާލެއާ ނުވަތަ މެދުތެރޭގެ އަތޮޅުތަކުގެ ރިސޯޓްތަކާ ވާދަކުރުމެއް ނޫނެވެ. އެއީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ތަފާތު އައިޑެންޓިޓީއެއް ފަރުމާ ކުރުމެވެ. އެއީ ހަމައެކަނި ފެންނަ ރީތިކަމަށް ބިނާކޮށް އެޕީލް ކުރުމުގެ ބަދަލުގައި، ޖަޒުބާތީ ގުޅުމެއް އުފެދޭ ގޮތަށް ފަރުމާކުރާ ބްރޭންޑެކެވެ.
ކޮންމެ މޮޅު މަންޒިލެއްގައިވެސް ޚާއްސަ ސިފަތަކެއް ނުވަތަ ނިޝާންތަކެއް ހުރެ އެވެ. ޕެރިހުގައި އައިފަލް ޓަވަރެވެ. ނިއުޔޯކުގައި ޓައިމްސް ސްކުއަ އެވެ. އިންޑިއާގައި ތާޖްމަޙަލް އެވެ. ރާއްޖޭގައި މަޑު ނޫކުލައިގެ ފަޅުތަކެވެ.

އައްޑޫގައި ދެކުނު އޭޝިއާގެ އެންމެ ދެކުނަށް އިރުއޮއްސޭ މަންޒަރެވެ. އެއީ ދަގަނޑުން ނުވަތަ ހިލައިން ހަދާފައިވާ ބޮޑެތި އާސާރީ ތަންތަނާ ޚިލާފަށް، އިރުގެ އަލިކަމުން ހަދާފައިވާ މޮނިއުމަންޓެކެވެ. އެއީ ބަދަލު ނުކުރެވޭނެ، ދާއިމީ އަދި އަގުހުރި އެއްޗެކެވެ.

ރާއްޖެ އަކީ ކަނޑުގެ ރާޅުތަކާއެކު ފެތުރިފައިވާ ފަރުދާއެއް ކަމަށް ވާނަމަ، އައްޑޫއަކީ އެ ފަރުދާގެ އެންމެ ދެކުނު ކޮޅުގައި އޮތް އެންމެ ފަހުގެ، އަދި އެންމެ އަގުބޮޑު މުތީއެވެ. ދުވާލުގެ އިރު އުދަރެހުން އަލްވަދާޢު ކިޔަމުން ދާއިރު، އެއީ ހަމައެކަނި އިރުއޮއްސުމެއް ނޫނެވެ. އެއީ އުއްމީދެއްގެ ވައުދެއް ދޫކޮށްލާފައި ދިއުމެވެ. އެއިން ދައްކުވައި ދެނީ، ދުނިޔޭގައި ޖުޣުރާފީ އާއި، ރީތިކަމާއި، މާނަވީ އެއްބައިވަންތަކަން ބައްދަލުވާ ތަންތަން އަދިވެސް ވާކަމެވެ. އައްޑު އަކީ ހަމައެކަނި ދެކުނުގެ ސަރަޙައްދެއް ނޫނެވެ. އައްޑު އަކީ ދުވަހުގެ ނިމުމެވެ. އައްޑު އަކީ ދެކުނު އޭޝިޔާ ބައްރުގެ އެންމެ ދެކުނު ބޯޑަރެވެ. އައްޑު އަކީ އިރު އެންމެ ދެކުނަށް އޮއްސޭ ފަސްގަނޑެވެ.