Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

މި ސަރުކާރަށް ހިންގުނު ހައުސިން މަޝްރޫއެއް ނެތް

މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ހާއްސަ ބަޖެޓެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ބޭއްވި އެންމެ ގާބުރިއެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ޕްރެސގައި އޭނަ ވިދާޅުވީ އަހަރު ނިމިގެންދާއިރު ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ލިބިފައި ނުވާ ކަމަށެވެ.

"ބޯހިޔާވަހިކަމަށް ހާއްސަ އަހަރެއްގައި ހާއްސަ ބެޖެޓެއްގައި ދިވެހި ރައްޔިތުންނަށް ލިބުނީ ކޮން ބޯހިޔާވަހި ކަމެއްތޯ؟ ހަމަ އެ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެކި ތާރީހު ދެއްވަމުން ވިދާޅުވަމުން އެގެން ދަވަނީ އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަމެއް ނެތް،" މައުރޫފް ވިދާޅުވި އެވެ. "އަދި ބޯހިޔާވަހި ކަމެއް އެޅުމަށްޓަކައި މި ރާއްޖޭގައި މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ބޭންދުނު އެންމެ ގާބުރިއެއް ވެސް ނެތްކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން."

އޭނަ ވިދާޅުވީ ރައީސް ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި އާދޭހާއެކު ބޯހިޔާވަހި ކަމަކަށް ރައްޔިތުން އެދުމުން އެކަން ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ޖެހިގެން އަންނަ ދުވަހު ބޭރުގެ ކުންފުނިތަކަށް ބޮޑު އަގުގައި ބިންތައް ވިއްކައިލާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އަދި މި ސަރުކާރަށް ދެ އަހަރުވީ އިރު ފެނިގެން ދަނީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ރައްޔިތުން މާޔޫސް ކަމެއްގެ ތެރޭގައި ތިބިތަން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"އެތައް ވައުދުތަކެއް ވެގެން ވެރިކަމާ ހަވާލުވީ. އެހެން ނަމަވެސް ދެއަ ހަރުވެގެން ދިޔަ އިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ރިޔާސީ އިންތިހާބަށް ވައުދުވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ވަރަށް ބޮޑަށް ރައްޔިތުން ނިކަމެތިވެ، މިއިން ދުވަހަކު ވެސް ގައުމުގެ އިގްތިސޯދު ދަށްނުވާ ވަރަށް މުޅި ގައުމުގެ އިގްތިސޯދީ ހާލަތު ދަށްވެ، ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުން މާޔޫސްކަމެއްގެ ތެރެޔަށް ވައްޓާލި މަންޒަރު." އޭނަ ވިދާޅުވި އެވެ.