އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ރިވެލި" ގެ ތެރެއިން މިހާތަނަށް 3,986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނިގޮތުގައި، މި މަހުގެ 24 އިން 28 އަށް މާލެއިން 1,693 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލެއިން 2,293 މީހަކު ހުއްޓުވައި ސުވާލުކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މާލެއިން ހުއްޓުވި މީހުންގެ ތެރޭގައި 95 ބިދޭސީން ހިމެނޭއިރު، ހުޅުމާލެއިން ހުއްޓުވި މީހުންގެ ތެރޭގައި 46 ބިދޭސީން ހިމެނެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ 6,491 ސަރަހައްދެއް ބަލައިފާސްކޮށް، 1,954 އުޅަނދެއް ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން 397 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހުޅުމާލޭގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން 1,879 އުޅަނދެއް ޗެކްކޮށް، 28 ފަރާތެއް ވަނީ ޖޫރިމަނާކޮށްފައެވެ.
މި އޮޕަރޭޝަންގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ގާއިމުކޮށް މީހުންނާއި ސުވާލުކުރުމާއި ވެހިކަލް ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ވައްކަމާ ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅޭ އެންމެހައި ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.