Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިމްރާން އަބްދުﷲ - ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ޕަޓީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އެ ފުރުސަތު ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް:

1. މުސްލިމަކު ކަމުގައިވުން.

2. ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.

3. ދިވެހި ރައްޔިތެއް ކަމުގައިވުން.

4. ބޭރު ޤައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.

5. ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.

6. ޕާޓީގެ މެންބަރެއް ކަމުގައިވުން.

7. މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

8. ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

9. ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

10. މި ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 2 (ދޭއް) އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން.

11. ސަނަދުގެ ފެންވަރު ބެލުމާއި ބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

މި މަޤާމަށް އެންމެ ފަރާތެއް ކުރިމަތިލައިފިނަމަ، އެ ފަރާތް ޕާޓީގެ ރައީސްކަމަށް ހޮވުމަށްޓަކައި ޢާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށާއި ނަމަވެސް، ޕާޓީގެ ރައީސްކަމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތް ކުރިމަތިލައިފިނަމަ، ޕާޓީގެ ރައީސްކަމަށް މީހަކު އިންތިޚާބު ކުރުމަށްޓަކައި ޕާޓީގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް، އަންނަ މަހުގެ 31 ގައި ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިންގް މެދުވެރިކޮށް ކަމަށާއި އަދި އެ އިންތިޚާބުގައި ވޯޓުލެވޭނީ ޕާޓީގެ ދަފްތަރުގައި، މި މަހުގެ 28 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ކަމަށް އަދާލަތުން ބުންޏެވެ.