ޗުއްޓީ އައުމުން ބައެއް ކުދިންނަށް ހީވަނީ، އަދި ބައެއް ބެލެނިވެރިންނަށް ވެސް ހީވަނީ ކިޔެވުމުގެ އެއްވެސް ކަމެެއް ކޮށްގެން ނުވާނެ ކަމަށެވެ.
ޗުއްޓީގައި އޮންނާނީ ހަމަ އެކަނި ނިދުމާއި ކެއުމާއި ކުޅުން ކަމަށެވެ. ބޭނުން އިރެއް ވަންދެން ނިދަންވީ އެވެ. ބޭނުން އިރެއް ވަންދެން ހޭލާ ހުންނަންވީއެވެ.އެއްވެސް ތަރުތީބެއް، ޝެޑިއުލެއް ނެތެވެ.
މިއީ މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. އެއްބަސްވަމެވެ. ޗުއްޓީ އަކީ ކޮންމެހެން ވެސް އޮންނަން ޖެހޭ އެއްޗެކެެވެ. އަދި ކުޅުމާއި މަޖާކުރުމަކީ ވެސް އޮންނަ ކަމެކެވެ. އެކަމަކު އަޅުގަނޑު ބުންނަން މިއުޅޭ ވާހަކައަކީ މުޅި ޗުއްޓީ އެކަމަށް ހޭދަ ނުކޮށް ލާށެވެ!
ޗުއްޓީ އަކީ ހަމަ އެކަނި ނިދުމާއި ކެއުމާއި ކުޅުމުގައި ހޭދަކޮށްލާ ދުވަސްތަކަކަށް ނުހަދާށެވެ.
މުސްލިމުންނަށް ދުވަހަކުވެސް ޗުއްޓީ ނާންނާނެ ކަންތައްތަކެއްވެއެވެ. ނަމާދު ކުރުމާއި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުން ފަދަ ކަންކަމީ ޗުއްޓީގެ ދުވަސްވަރުގައި ވެސް ކުރުމަށް ދަރިންނަށް ބާރު އަޅަންޖެހޭ ކަންކަމެވެ.
ހަމަ އެގޮތަށް، ޗުއްޓީ އަކީ އާ ސޫރަތެއް ނުވަތަ، އާ ހުނަރެއް، ނުވަތަ އާ އެއްޗެއް ދަސްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. ކުރިއަށް އޮތް ގުރޭޑުގެ ފޮތްތައް ކިޔުމަކީ ވެސް ޗުއްޓީގައި ކުރެވޭނެ ކަންކަމެވެ.
އެހެންކަމުން، އެއްވެސް ޝެޑިއުލެއް ނެތި، ވަގުތުތައް ބޭކާރު ކޮށްލަން، ޗުއްޓީގައި ދަރިންތައް ދޫކޮށްނުލާށެވެ. ބޭނުން އިރެއް ވަންދެން ނިދަން ނުބާއްވާށެވެ. ޗުއްޓީއަށް ވެސް ވަކި ޝެޑިއުލެއް ހަދާށެވެ.
އޭރުން މާތް ﷲ ގެ އިރާދަފުޅުން، އެ ކުއްޖާ ބޮޑުވެގެން ތަރުތީބު މީހަކަށް ވާނެއެވެ. “ޑިސިޕްލިންޑް” ކުއްޖަކަށް ވާނެ އެވެ.
ޗުއްޓީ އަކީ ވެސް ޙަޔާތުގެ އަގުހުރި ވަގުތުތަކުގެ ތެރެއިންވާ ވަގުތަކެއްކަން ދަންނާށެވެ. އެ ވަގުތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ.
ނޯޓް: މިއީ ޝައިޚް ޝިރުޙާނު ޢަލީގެ ލިޔުއްވުމެކެވެ.