ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކޮށްފި އެވެ.
މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން ބުނީ މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10% އާއި 15% އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފަ އެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއިން މިއަދު ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ދެ ކުންފުންޏަކާއެކު މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފަ އެވެ. އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ އެވެ.
ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ. ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިންވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫއުތަކުން ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)
ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ސީއެމްއީސީއާ ވަނީ ހަވާލުކޮށްފައެވެ. މި ކުންފުންޏަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިންގ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރަރސްޓްރަކްޗަރ މަސައްކަތް ކުރަމުންނެވެ.
މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގަ އެވެ. އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ. އަދި މި ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.