ޗައިނާގެ ކަންކަމަށް ބޭރުގެ ގައުމުތަކުން ނުފޫޒު ފޯރުވާތީ ކަންބޮޑުވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ދިވެހި ސަރުކާރުން މިހެން ބުނެފައިވަނީ ޗައިނާއިން ޓައިވާން ވަށައިގެން އަސްކަރީ ތަމްރީނުތަކެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. މި ތަމްރީނުތައް ޗައިނާއިން ފަށާފައިވާއިރު އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމަށް ދާދިފަހުން ވަނީ ނިންމާފަ އެވެ.
ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "ވަން ޗައިނާ" ޕޮލިސީއަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އަދި ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ.
އެގޮތުން 1972 ވަނަ އަހަރު ރާއްޖެއިން ޗައިނާއާއެކު ޑިޕްލޮމެޓިކް ގުޅުންތައް ފެށި ފަހުން ރާއްޖެއިން މި ގަބޫލުކުރުން ދަމަހައްޓަމުން އަންނަ ކަމަށާއި އަދި މިއީ ދެ ގައުމުން ގަބޫލުކުރާ އިސްތިޤްލާލާއި، ސަރަޙައްދީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމް ކުރުމުގެ އުސޫލުތައް ދެމިއޮތްކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިކަމަކީ ގައުމުތަކުގެ އެތެރޭގެ ކަންކަމަށް އެހެން ގައުމުތަކުން ނުވަނުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް ބައެއް ގައުމުތަކުން މި އުސޫލުތަކަށް އަސަރުކުރާނެ ގޮތަށް ޗައިނާގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ދިޔުމާ މެދު ކަންބޮޑުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އިތުބާރާއި، ދެފަރާތުގެ ފައިދާއާއި، ސުލްހައާއި ދެމެހެއްޓެނިވި ތަރައްޤީއަށް ހިއްސާކުރާ އުންމީދުތަކުގެ މައްޗަށް ބިނާކޮށް، ޗައިނާއާއެކު އެކުވެރިކަމާ ހަރުދަނާ ގުޅުމެއްގައި ދެމިއޮތުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.