މިއީ ސަރުކާރުން ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮންމެ އަތަކަށް ޖެހިލިޔަސް ގަޔަށް ހެރެނީ ކަށި ކަމަށާއި ދާނެ ނުދާނެ ދިމާލެއް ނޭނގޭ ކަމަށެވެ.
"އަނދިރިކަމާއި ބަނަ ކަމާއި ކުރިމަތިލާން ޖެހެނީ. ދޮގު ވައުދުތަކާއި، ދޮގުގެ ތެރޭގައި ރައްޔިތުން ޣަރަގު ވަނީ. އުދައްޔަކާއި އެކު ރައީސް ދަތުރުތަކެއް ކުރައްވައިފި. ރަށްރަށަށް ވަޑައިގެން ބޮޑެތި ވައުދުތަކެއް ވެވަޑައިގަތް. އެކަމަކު ރާއްޖޭގެ ރައްޔިތުންނަށް ތަންދޮރު އެނގޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ރަށްރަށަށް ވަޑައިގެން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެއްޓެވި ކަމުގައި ވިޔަސް، އެ ކަންކަން ހިނގަމުން އަންނަ ތަން ރައްޔިތުންނަށް ފެންނަމުން ނުދާ ކަމަށެވެ. އަދި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އޮޅުވާލުމާއި، ވާވެއްދުމައި، ރައްޔިތުންނަށް ފުރައްސާރަކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިސް ބަނދެލުމަށް ފަހު، މަޖިލިސް އަޑު ކަނޑުވާލުމަށް ފަހު، އެ މަޖިލިސް ބޭނުން ކުރައްވައިގެން ސަރުކާރުން މި ކުރެއްވި ކަމަކީ ޖުޑިޝަރީ ހިސޯރު ކުރެއްވީ. ޖުޑިޝަރީ ހިސޯރު ކުރުމަށް ސުޕަ މެޖޯރިޓީ ބޭނުން ކުރައްވައިގެން މުޅި ޖުޑިޝަރީ ވަކި ފަރުދެއްގެ ބާރުގެ ދަށަށް ގެންދެވީ. މިނިވަން މުއައްސަސާތައް މިއޮތީ އެ ބީދައިން ހައްޔަރުގައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ދާނެ މިސްރާބެއް ސަރުކާރަށް ސާފު ނުވާ ކަހަލަ ގޮތަކަށް މުޅި ވެރިކަން ހިންގާތީ ރައްޔިތުން މާޔޫސްވެފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.