އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ މިލްކިއްޔާތު ބިލިއަނަކަށް އަރައިފި އެވެ.
ފޯބްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 44 އަހަރުގެ ފަންނާނަކީ މިއުޒިޝަނުންގެ ތެރެއިން ބިލިއަނަރަކަށް މިލްކިއްޔާތު އެރި 5 ވަނަ ފަންނާނެވެ. ބިޔޯންސޭ ފިރިމީހާ ރެޕާ، ޖޭ-ޒީ އަކީ ވެސް ބިލިއަނަރެކެވެ. މިއުޒިޝަނުންގެ ތެރެއިން ދެން ބިލިއަނަރަކަށް މިލްކިއްޔާތު އަރާ ފަންނާނުންނަކީ ޓޭލާ ސްވިފްޓާއި ރިއާނާގެ އިތުރުން ސްޕްރިންސްގްޓީނެވެ.
ތިން ކުދިންގެ މަންމަ ބިޔޯންސޭ އަކީ އެމެރިކާގެ އެންމެ ނުފޫޒު އެއް ގަދަ މިއުޒިޝަނެވެ. މިހާތަނަށް 35 ގްރެމީ އެވޯޑްގެ އިތުރުން މިއުޒިކީ ދާއިރާ އިން ދޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ބިޔޯންޔޭގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ކައުބޯއީ ކާޓާ" އެވެ. މިއީ އޭނަގެ 8 ވަނަ ސްޓޫޑިއޯ އަލްބަމެވެ.

"ކައުބޯއި ކާޓާ" ޕްރޮމޯޓް ކުރަން ބިޔޯންސޭ ކުރިއަށް ގެންދިޔަ ޓުއާ އަކީ ފަންނާނަކު މި އަހަރު ބޭއްވި އެންމެ ކާމިޔާބު ޓުއާ އެވެ. އާމްދަނީގެ ޓެކްހަކަށް ނުކަނޑައި މި އަހަރު އެކަނި ވެސް އޭނަ އަށް އާމްދަނީގެ ގޮތުގައި 148 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ބިޔޯންސޭ އަކީ އަމިއްލަ ބައެއް ބްރޭންޑްތައް އުފައްދައި ވިޔަފާރިތައް ވެސް ހިންގަމުން އަންނަ ފަންނާނެކެވެ. އޭގެ ތެރޭގައި އޭނަގެ ހެއާކެއާ ބްރޭންޑް "ސެކްރެޑް" އާއި ވިސްކީ ބްރޭންޑް "ސާޑޭވިސް" އަދި ކްލޯތިން ބްރޭންޑް "ހައުސް އޮފް ޑެރޯން" ހިމެނެ އެވެ.