Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

މާލީ އެހީ އަށް އެދުނީ 57 މީޑިއާއަކުން

އެމްއެމްބީސީގެ މެންބަރުންތަކެއް.

އަމިއްލަ މީޑިއާތަކަށް ސަރުކާރުން ދޭން ހަމަޖެހިފައިވާ މާލީ އެހީ އަށް އެދެން އަލުން ހުޅުވައިލުމުން 57 މީޑިއާއަކުން އެޕްލައިކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ އެހީ އަށް އެދި ހުށަހެޅި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވަނީ 41 މީޑިއެއް ކަމަށެވެ.

އެމްއެމްބީސީން ބުނީ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ޝަކުވާއަށް ހުޅުވާލުމުން އަށް ޝަކުވާއެއް ލިބުނު ކަމަަށާއި އޭގެ ތެރެއިން ރިވިއު ކޮމިޓީން ބަލައި ދިރާސާކޮށް، ތިން ފަރާތެއްގެ ޝަކުވާ ބަލައިގެންފައިވާ ކަމަށެވެ.

މީޑިއާތަކަށް މާލީ އެހީ ދޭން ބަލާ ކަންކަމުގެ ތެރޭގައި މީޑިއާގެ މުއްދަތާއި މުވައްޒަފުންގެ އަދަދާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތައް ހިމެނެ އެވެ.

އެމްއެމްބީސީން ބުނީ މާލީ އެހީ އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބުނު މާކްސް އެތަނުގެ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.

މީޑިއާތަކަށް މާލީ އެހީ ދޭން އެންމެ ފުރަތަމަ ނިންމީ އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ މެދުވެރިކޮށެވެ. އެގޮތުން އޮގަސްޓް މަހުގެ ތެރޭގައި އެހީ އަށް ހުޅުވާލައި، ޝަރަތު ހަމަވި 18 މީޑިއަކަށް 28 މިލިއަން ރުފިޔާ ދޭން ނިންމައި، އެހީ ލިބޭ މީޑިއާތައް އޮކްޓޯބަރު މަހުގެ ފަހުކޮޅު އިއުލާން ވެސް ކުރި އެވެ. ނަމަވެސް ފަހުން އެކަން ބާތިލުކޮށް، އެހީގެ މަސައްކަތް ވަނީ އެމްއެމްބީސީއާ ހަވާލުކޮށްފަ އެވެ.

އެގޮތުން އެހީ އަށް އެދުމުގެ ފުރުސަތު އެ ކޮމިޝަމުން ހުޅުވައިލީ މި މަހުގެ 25 ގަ އެވެ.