Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ފުޓްސަލް ޓީމު ތަމްރީނު ކޭމްޕަށް ޗައިނާ އަށް

އަންނަ އަހަރު ތައިލެންޑުގައި ބާއްވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމު ޗައިނާއަށް ފުރައިފި އެވެ.

ޓީމު މިއަދު ހެނދުނު ފުރިއިރު، ކޭމްޕުގައި ބައިވެރި ވަނީ 17 ކުޅުންތެރިންނެވެ. ޓީމު ފުރުމުގެ ކުރިން ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޒަރީރުގެ އިތުރުން އެ އިދާރާގެ ބައެއް އިސް ބޭފުޅުން މާފަންނު ބަސް ޓާމިނަލަށް ވަޑައިގެން، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައިވެ އެވެ.

އެފްއޭއެމުން ބުނީ ޗައިނާގައި އިންޑޯ އަށް ފަރިތަވުމަށް ކުޅުންތެރިން ހަދާ ތަމްރީނުތަކަށް ފަހު 14 އަށް ސްކޮޑު ކުޑަކުރާނެ ކަމަށެވެ. އަދި ޗައިނާ ތަމްރީނަށް ފަހު ޓީމު ސީދާ ތައިލެންޑަށް ދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ޓީމުގެ ކޯޗަކީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ފާރޫކް ޒަކިރޯވް އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އޮންނާނީ އަންނަ މަހުގެ 14-26 އަށެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ތައިލެންޑްގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގަ އެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނިކުންނާނީ އަންނަ މަހުގެ 14 ގަ ވެ. ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ ޖެނުއަރީ 16 ގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗަށް ފަހު ދެން ރާއްޖޭގެ ޓީމު ނިކުންނާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ. އަދި 22 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އިރު، 24 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ފަހު މެޗުގައި ޖެނުއަރީ މަހުގެ 26 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު މިއަންމާގައި ބޭއްވި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ.