މީގެ ތިން އަހަރު ކުރިން އިންޑިއާގެ ލިޔުންތެރިޔާ ނިލަންޖަނާ އެސް ރޯއި ނެރުނު ވާހަކަ "ބްލެކް ރިވާ" އަށް ފިލްމެއް ހަދަން އޭގެ ރައިޓްސް ގަނެފައިވާ ކަމަށް އެކްޓަރު ސައިފް އަލީ ޚާން ބުނެފި އެވެ.
އާންމުންގެ ބޮޑު މަގުބޫލު ކަމެއް ލިބުނު އެ ވާހަކަ އަކީ ކުޑަ އަންހެން ކުއްޖެއްގެ މަރުގެ ހަގީގަތް ހޯދަން އާއިލާ އާއި ފުލުހުން ކުރާ މަސައްކަތްތައް ކިިޔައި ދީފައިވާ މާޑާ މިސްޓްރީއެކެވެ. "ބްލެކް ރިވާ" ގެ ރައިޓްސް ގަނެފައިވާކަން ސައިފް ހާމަކުރީ "އެސްކްއާ އިންޑިއާ" މަޖައްލާ އަށް ދިން ކަވާ އިންޓަވިއުއްގަ އެވެ.
އޭނަ ބުނީ އެ ވާހަކަ އަކީ މި ފަހުން ކިޔާލެވުނު އެންމެ ޝައުގުވެރި އެއް ވާހަކަ ކަމަށެވެ. ސައިފް ބުނި ގޮތުގައި "ބްލެކް ރިވާ" އޭނަ އަށް އެހާ ބޮޑަށް ހާއްސަވި ސަބަބަކީ ކުއްޖެއްގެ މަރުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތަށް ވުރެ ބޮޑަށް ވާހަކައިގެ އަސަރު މާ ބޮޑަށް ވެސް ގަދަވެފައި ވާހަކަ ގެނެސްދީފައިވާ ޖަޒުބާތީކަމުންނެވެ.
"އަސްލު ވަރަށް ޖަޒުބާތީ ވާހަކައެއް މިއީ. އަހަންނަށް ވާހަކަ އެހާ ކަމުދިޔަ ސަބަބަކ ވެސް އެއީ." ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ބުންޏެވެ.
"ބްލެކް ރިވާ" އަށް ފިލްމެއް ހަދަން ޕްލޭންކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ސައިފް ނުދެ އެވެ.
އޭނަ އަކީ ކުރިން ވެސް ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި "ލަވް އާޖް ކަލް"، "ގޯ ގޯއާ ގޯން"، "ކޮކްޓެއިލް"، "ހެޕީ އެންޑިން" އަދި "ޖަވާނި ޖާނެމަން" ހިމެނެ އެވެ.
ސައިފްގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ "ހައިވާން" އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ އެޕްރީލްގައި ނެޓްފްލިކްސް އިން ގެނެސްދިން "ޖުވެލް ތީފް" އިންނެވެ.