Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ބީއެމްއެލްގެ 'ސްވައިޕް' ގެ ބީޓާ ޓެސްޓިން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ބީޓާ ޓެސްޓިން މަރުހަލާ ފަށައިފި އެވެ.

ގައުމީ ބޭންކުން ވަނީ މީގެ ބީޓާ މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފަ އެވެ. މިއީ 'ސްވައިޕް' ގެ ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށް ދިނުމަށްޓަކައި ހިންގާ މުހިންމު ޓެސްޓިން މަރުހަލާއެކެވެ.

ބީއެމްއެލުން ބުނީ އަންނަ މަހުން ފެށިގެން، 'ސްވައިޕް' ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ފަށާނެ ކަމަށާއި މީގެ ސަބަބުން 'ސްވައިޕް' މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އަންނަ މަހު ކަސްޓަމަރުންނަށް 'ސްވައިޕް' އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތް ވެސް ފެށިގެން ދާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ހިދުމަތް ފެށުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއެކު ސްވައިޕްގެ ހިދުމަތް ފުޅާވެގެންދާ އިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ހިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެން ދާނެ،" އޭނަ ވިދާޅުވި އެވެ.

ބީއެމްއެލުން ބުނީ އަމާޒަކީ އަންނަ ފުރަތަމަ ކުއާޓަރުގައި، 'ސްވައިޕް' ގެ ހިދުމަތްތައް ރާއްޖެއިން ބޭރަށް ވެސް ފުޅާކުރުން ކަމަށެވެ. އެގޮތުން އެ ކުއާޓަރުގައި ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން 'ސްވައިޕް' މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެން ދާނެ އެވެ.

އެއާއެކު، ސްވައިޕް ވެގެންދާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށާއި ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

"ސްވައިޕް' އަކީ، ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކު ރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލައިލެވޭނެ އެވެ. އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް 'ސްވައިޕް' ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާ އެކު ފައިސާ ނެގޭނެ އެވެ.