ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ގޭންގުތައް ހަރަކާތްތެރިވާ އަދަދާއި ގޭންގު ކުށްތައް ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓު އިސްޙާޤް އާދަމް ވިދާޅުވީ، މިހާރު ގޭންގު ހަދައިގެން ކުށްކުރުމުގެ ހަރަކާތްތައް މަދުވެފައިވާ ކަމަށެވެ.
އޭނަ ވިދާޅުވީ، ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވާ ތަންތަން ފުލުހުން އެކި އިރު ބަލައި، އެ ތަންތަނުގައި ތިބޭ މީހުން ކުރާ ކަންކަމާއި ފޮނުވާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އަދި އިންޓެލިޖެންސްގެ އެހީގައި ހޯދޭ ސޭފްހައުސްތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްހާގް ވިދާޅުވީ ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވާ ތަންތަނުގެ ތެރެއިން ފުލުހުންނަށް އަދި ބެލިފައި ނުވާ ތަންތަނުގައި، ކުށުގެ ރެކޯޑު އޮންނަ މީހުންނާ އެކީ ގިނަ ކުޑަކުދިން ގިނަ ވަގުތު ހޭދަކުރާ ކަން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ.
"މިފަދައިން އަޅުގަނޑުމެންނަށް ފެންނަ ފެނުންތަކުގައި އަޅުގަނޑުމެން އަމަލުކުރާ ގޮތަކީ އެ ކުދީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެކުދީން އެ ތަންތަނުން އެކަހެރިކޮށް، މާލޭގައިނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް، ހުޅުމާލޭގައި ނަމަ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށް މިކުދިން މި ގެންދަނީ،" އޭނަ ވިދާޅުވި އެވެ. "މިކުދިން ގެންގޮއްސަ މިކުދިންގެ ފަރާތުން ބެލެނިވެރީންގެ މައުލޫމާތު ހޯދުމަށް ފަހު ބެލެނިވެރީންނާ ގުޅައި ބެލެނިވެރީން ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމަށްފަހުގަ ބެލެނިވެރިންނާ މި މައުލޫމާތު ދީ މި ހަވާލު ކުރަނީ."
ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލު ކުރަން ފެށީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ ގާނޫގައި ބޮޑެތި އަދަބުތައް ވެސް ކަނޑައަޅާފައިވެ އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ހަ ތަނެއް ބަލައި ފާސްކޮށް ހަތް މައްސަލައެއްގައި 11 މީހަކު ހައްޔަރުކޮށް ދެ މީހަކަށް ދައުވާ ކުރުމަށާއި ގޭންގު ކަނޑައެޅުމަށް އެއް ގްރޫޕެއް ޕްރޮސެކިއުޓަރު ޖެނެރަލަށް ފޮނުވާފައިވެ އެވެ.