ޑާކް ރެއިން އެންޓަޓައިންމަންޓުން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނެ ފިލްމަކީ "މަންމަ" ކަމުގެ އިޝާރާތެއް ދީފި އެވެ.
މިފަދަ އިޝާރާތެއް ދިނީ އެ ސްޓޫޑިއޯގެ އާންމު ޑައިރެކްޓަރު އަލީ ޝިފާއު ޗިއްޕެ) މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއް އެވެ. އެ ޕޯސްޓްގައި "މަންމަ" ގެ ސްކްރީންޕްލޭ އިތުރަށް ޕޮލިޝްކޮށްފައިވާކަން ހާމަވާ ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ. މި ސްކްރީންޕްލޭ ލިޔެފައި ވަނީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
"މަންމަ" ގެ ނަމުގައި ފިލްމެއް ހަދަން ނިންމާފައިވާކަން ޑާކް ރެއިނުން އެންމެ ފުރަތަމަ އިއުލާންކުރީ 2016 ގަ އެވެ. އޭރު ފިލްމުގެ ލީޑް ކާސްޓްގައި ހިމެނޭނެ ކަމަށް ބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކުރީގެ ބަތަލާ ނިއުމާ މުހައްމަދެވެ. އޭގެ ފަހުން ދެން މި ފިލްމުގެ ވާހަކަ އެ ސްޓޫޑިއޯ އިން ތިލަކުރީ މިދިޔަ އަހަރު އެވެ.
އެއީ ޑާކް ރެއިނަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 އަށް 18 އަހަރު ފުރުމާ ދިމާކޮށް އިއުލާންކުރި ޕްރޮޖެކްޓްތަކުގެ ތެރޭގަ އެވެ. އޭރު ނިންމީ މި އަހަރު ފިލްމު ބެލުންޔެރިންނަށް ގެނެސްދޭނެ ކަމަށެެވެ.
ބެލެވޭ ގޮތުން އެ ސްޓޫޑިއޯ އަންނަ އަހަރު މި ފިލްމު ގެނެސްދޭނެ އެވެ.
ޑާކް ރެއިނުން މި އަހަރު ދެ ފިލްމެއް ގެނެސްދިނެވެ. އެއީ "އަލިފާން" އާއި "އަލްވަދާއު" އެވެ.