އައްޑޫގައި ސިނަމާއެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްވާޑް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިލްމު އަޅުވަން ޕްރޮޑިއުސަރުން ކުރަމުންދަނީ ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމަށާއި ބޮޑެތި ސިޓީތަކުގައި ސިނަމާތައް ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި ވަރަށް އަވަހަށް އެ މަސައްކަތް ފަށައި، ނިންމާލެވޭނެ ކަމަށާއި އެކަމާ ގުޅޭ ކަރުދާހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި އައްޑޫގައި ވެސް މާ ލަސްތަކެއް ނުވެ ސިނަމާއެއްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އަސްވާޑް ވިދާޅުވި އެވެ.
"މާލޭގައި އެކަންޏެއް ނޫނޭ އުތުރާއި ދެކުނުގައި ޕްރޮޑިއުސަރުންނަށް ފިލްމު އެޅުވުމުގެ ރަނގަޅު އިންތިޒާމްތައް ހަމަޖެހިފައި ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރަނީ. އެކަން މި އަންނަ އަހަރު ފަށައި، ނިންމާލާނަން." އަސްވާޑް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ވެސް ޒަމާނީ ސިނަމާ ކޮމްޕްލެކްސްއެއް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް އެޗްޑީސީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގައި ސިނަމާއެއް ހަދާ ވާހަކަ ދައްކަމުން އަންނަ އިރު، އައްޑޫ ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު "އަސްޓްރާ" ގެ ނަމުގައި އިމާރާތްކުރި ސިނަމާއެއް މިހާރު ވެސް އެތަނުގައި އެބަހުއްޓެވެ. މީގެ އަހަރުތަކެއް ކުރިން އެތަނުގައި ހިންދީ ފިލްމާއި ދިވެހި ފިލްމުތައް ވެސް އަޅުވާފައިވެ އެވެ.
އައްޑޫގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ރަސްމީ ސިފައެއްގައި ސިނަމާއެއް ނެތެވެ. އެހެންވެ އާންމުކޮށް ފިލްމުތައް އަޅުވަނީ ބައެއް ސްކޫލްތަކުގެ ހޯލުތަކާއި އަމިއްލަ ބައެއް ކޮލެޖްތަކުގެ ހޯލްތަކުގަ އެވެ.
މަރަދޫގައި ހުންނަ ތާރީހީ އިމާރާތެއް ކަމަށްވާ "ބޮނޑޮގޭ" ގައި ފިލްމު ދެއްކޭ ގޮތަށް އެތަން އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގައި މަރާމާތުކޮށް، ފިލްމު އަޅުވަން ކުއްޔަށް ދެމުން ގޮސްފައިވެ އެވެ.
ރާއްޖޭގައި ފިލްމު ހެދުމުގެ މަސައްކަތް ފުޅާވެ ކުރިއަރަމުން އަންނަ އިރު، މި އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އަތޮޅު ތެރޭގެ ރަށްރަށުގައި ފިލްމުތައް އަޅުވަން ހުރި ދަތިތަކެވެ.