އިންޑިއާގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި އޭނަގެ ފިރިމީހާ ޒަހީރް އިގްބާލް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މި ދެމަފިރިން މި ފަހަރު ރާއްޖެ އައީ އާ އަހަރާ ދިމާކޮށެވެ.
މިދިޔަ އަހަރު ކައިވެނި ކުިރި މި ދެ މީހުން މި ފަހުން ފާހަގަކޮށްލެވެނީ އެކީގައި ވަރަށް ގައުމުތަކަށް ދަތުރުކުރަމުން އަންނަ ދެމަފިރިންގެ ގޮތުގަ އެވެ. އަދި ދަތުރުގެ ވީޑިއޯތައް ސޮނާކްޝީގެ ޔޫޓިއުބް ޗެނަލްގައި ވެސް ހިއްސާ ކުރަމުން ދެ އެވެ.

ސޮނާކްޝީ އާއި ޒަހީރަކީ ވެސް ސަލްމާން ޚާން ބޮލީވުޑަށް ތައާރަފުކުރި ދެ މީހުންނެވެ. ކުރީގެ މަޝްހޫރު އެކްޓަރު ޝަތުރުގަން ސިންހާގެ ދަރިފުޅު ސޮނާކްޝީ ބޮލީވުޑަށް ނުކުތީ ސަލްމާނާ އެކު 2010 ގެ "ދަބަންގް" އިންނެވެ. މިހާތަނަށް ބޮލީވުޑުން އެއްވެސް ކުރިއެރުމެއް ހޯދިފައި ނުވާ ޒަހީރު ބޮލީވުޑަށް ތައާރަފުކުރީ ސަލްމާން ޕްރޮޑިއުސްކުރި 2019 ގެ "ނޯޓްބުކް" އިންނެވެ.
ސޮނާކްޝީ އާއި ޒަހީރު އެކީގައި ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2022 ގެ ކޮމެޑީ "ޑަބަލް އެކްސްއެލް" އެވެ.