Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދޭން ބައްޕައަކަށް 9 ކަމެއް!

1. ފުރަތަމަ ދުވަހުން ފެށިގެން ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށް ދިނުމަށް ހިތުގައި ޢަޒުމް ކަނޑައަޅައި މަސައްކަތް ފަށާށެވެ.
2. ތިބާ އަކީ ޤުރުއާން ކިޔަވާ މީހަކަށް ވާށެވެ. އޭރުން ދަރިފުޅުގެ ހިތުގައި ވެސް ޤުރުއާނަށް އޮންނަ ލޯބި އިތުރު ވާނެ އެވެ. އަދި އޭރުން ދަރިފުޅު ބޮޑުވަމުން ދާނީ ޤުރުއާނާ ރައްޓެހި މާހައުލެއްގަ އެވެ.
3. ދަރިފުޅާ ގާތް ގުޅުމެއް ތިބާ ޤާއިމުކުރާށެވެ. ތިބާ ދޭ ނަސޭހަތް ފަސޭހައިން ޤަބޫލު ކުރުމަށް މިއީ ބޮޑު ބާރެކެވެ.
4. ޤުރުއާން ހިތުދަސްކޮށްދޭ ކުލާހަކަށް ދަރިފުޅު ވައްދާށެވެ. އެއް އުމުރެއްގެ ކުދިން އެކަމަށް މަސައްކަތް ކުރާ ތަން ފެނުމަކީ މިކަމުގައި ކުރިއަށް ދިއުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ.
5. ދަރިފުޅު ދަސްކުރަމުންދާ ބައި މުރާޖަޢާކުރުމުގައި އެހީތެރިވާ މީހަކަށް ތިބާވާށެވެ.
6. އެކުދިން ކުރާ މަސައްކަތުގެ އަގު ކޮންމެވެސް ސިފައެއްގައި ވަޒަން ކުރާށެވެ. އެގޮތަށް ދަސްކުރާ މިންވަރުން ހަދިޔާ ދިނުން ނުވަތަ އެ ކުދިން ދާހިތްވާ ތާކަށް ގެންގޮސް ދިނުމަކީ ކޮށްލެވިދާނެ ކަންކަމެވެ.
7. ދީނީ އަޅުކަންކަމަށް އެކުދިންގެ ހިތުގައި ލޯބި އުފައްދާށެވެ. ޚާއްޞަކޮށް ނަމާދު ކުރުމަށެވެ. ކާމިޔާބު ލިބޭނީ ނަމާދު ޤާއިމުކޮށްގެންނެވެ.
8. ޤުރުއާން ހިތުދަސް ކުރުމުން ލިބޭ ދަރުމައާއި ޘަވާބުގެ މަތިން އަބަދުވެސް ހަނދާންކޮށް ދޭށެވެ.
9. ގިނަގިނައިން ދުޢާ ކުރާށެވެ. އެއީ މުސްލިމުންގެ ހަތިޔާރެވެ.

ތިބާގެ ދަރިފުޅަކީ ޤުރުއާން ހިތުދަސް ކުއްޖަކަށްވެއްޖެ ނަމަ ޔަޤީނުން ވެސް ތިބާ އުފާ ކުރާނެ އެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިި އެވެ.

“ޤުރުއާން ކިޔަވައި އަދި އެއުނގެނި އެއަށް ޢަމަލުކޮށްފި މީހަކަށް ޤިޔާމަތް ދުވަހުން ނޫރުން ވާ ތާޖެއް އެޅުވޭނެ އެވެ. އޭގެ އަލިކަން އިރުގެ އަލިކަން ފަދައިން ވާނެ އެވެ. އަދި އެދުވަހު އެމީހެއްގެ މަންމަ އާއި ބައްޕަގެ ގައިގައި، މި ދުނިޔެމަތީގައި ނުވާ ފަދަ ފުރިހަމަ ހެދުމެއް އެޅުވޭނެ އެވެ. އެ ދެ މީހުން ބުނާނެތެވެ. އަހަރުމެންގެ ގައިގާ މި ހެދުން އެޅުވުނީ ކިހިނެއް ވެގެން ހެއްޔެވެ؟ ދެން ބުނެވޭނެ އެވެ. ތިޔަ ދެ މީހުންގެ ދަރިފުޅު ޤުރުއާން ދަސްކޮށްފައިވާތީ އެެވެ.” (ޙާކިމް 1/756)

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.